ޓޮޓްނަމް ތާވަލުގެ ދެވަނަ އަށް އެރުން ހުއްޓުވައި، ޗެލްސީި ގަދަ ފަހަކަށް
2 ނޮވެމްބަރު 2025 - 05:58

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި ވާދަވެރި ޗެލްސީން ޓޮޓްނަމް އެޓީމުގެ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ތާވަލުގެ ދެވަނަ އަށް އެޓީމު އެރުން ހުއްޓުވައިފިއެވެ. ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި 61،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ކާމިޔާބީއާއެކު ޗެލްސީއަށް ވަނީ 10 މެޗުން 17 ޕޮއިންޓް ލިބި، ތާވަލުގެ ފަސްވަނަ މަގާމަށް އަރާފައެވެ. އެވެ. ޓޮޓްނަމް އޮތީ ޗެލްސީއާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން، ފައިދާ ގޯލުގެ ތަފާތުން ތާވަކުގެ ހަތަރުވަނާގައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ޖޮއާއޯ ޕެޑްރޯ އެވެ. މެޗުގެ 34 ވަނަ މިނިޓުގައި މޯސެސް ކައިސޭޑޯ ދިން ޕާހަކުން ޕެޑްރޯ މި ލަނޑު ޖެހިއިރު، މިއީ ލަނޑެއް ނުޖެހި 10 މެޗު ހޭދަވުމަށްފަހު އޭނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޗެލްސީއިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ޓޮޓްނަމްގެ ގޯލަށް ނުރައްކާތެރި ނުވަ ހަމަލައެއް ފޮނުވާލާފަ އެވެ. ފުރަތަމަ ހާފުގައި ޕެޑްރޯއަށް އިތުރު ދެ ލަނޑު ޖަހަން ރަނުގެ ފުރުސަތު ލިބުނު ނަމަވެސް، ޓޮޓްނަމްގެ އިޓަލީގެ ކީޕަރު ވިކާރިއޯ ވަނީ އެ ދެ ހަމަލާވެސް މަތަކޮށްފަ އެވެ.

Ad by Hajj Corporation
މި މެޗުގައި ޓޮޓްނަމްގެ އެޓޭކް ވަރަށް ބަލިކަށިކަން ފާހަގަ ކުރެވުނެވެ. މުޅި މެޗުގައިވެސް ޗެލްސީގެ ގޯލަށް އަމާޒުކޮށް ޓޮޓްނަމް އުފެއްދި ހަމައެކަނި ހަމަލާ މުހައްމަދު ކުޑޫސް ފޮނުވާލިއިރު، ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ އެ ހަމަލާ ދިފާއުކޮށްފަ އެވެ. ޓޮޓްނަމްގެ ފަރާތުން ފެނިގެންދިޔަ މި ކުޅުމާއިމެދު ހިތްހަމަނުޖެހިގެން އެ ޓީމުގެ ސަޕޯޓަރުން ވަނީ ޓީމަށް މަލާމާތްކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ޓޮޓްނަމް އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ.
ޗެލްސީއަށް ލިބުނު މި މުހިންމު ތިން ޕޮއިންޓަށްފަހު، އެ ޓީމުން އަންނަ ބުދަ ދުވަހު ނިކުންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އަޒަރުބައިޖާނުގެ ގަރަބަގް އާއި ދެކޮޅަށެވެ. އަދި އޭގެ ފަހުން އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ވުލްވްސް އާއި ދެކޮޅަށެވެ.


