އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގެ ކުލަބަކަށްލިބުނު އެންމެ ބޮޑު ގެއްލުމާއެކު ޗެލްސީއަށް ކުޅުންތެރިން ވިއްކާލަން މަޖުބޫރުވަނީ
27 ފެބްރުއަރީ 2026 - 04:35

2024-25 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ ފުޓްބޯޅަ ކްލަބަށް 342 މިލިއަން ފައުންޑްގެ ބޮޑު ގެއްލުމެއް ވެފައިވާކަން ޔޫއެފާގެ އެންމެ ފަހުގެ މާލީ ރިޕޯޓުން ހާމަވެއްޖެއެވެ. މިއީ އިނގިރޭސި ފުޓްބޯޅަ ކްލަބަކުން މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ބޮޑު މާލީ ގެއްލުމެވެ.
ޔޫއެފާގެ ރިޕޯޓުގައިވާ ގޮތުން ޗެލްސީގެ މި ގެއްލުމަކީ ޔޫރަޕްގެ ދެން އޮތް އެންމެ ބޮޑު ގެއްލުމެއް ލިބުނު ކްލަބަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. މިއީ މިހާރުގެ އޯނަރުންގެ ދަށުން ކްލަބް ހިންގުމުގައި ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތައް ހާމަކޮށްދޭ ކަމެކެވެ. ޔޫރަޕްގެ އެންމެ އަގުބޮޑު ސްކޮޑެއް އޮތް ނަމަވެސް، ޗެމްޕިއަންސް ލީގުން ލިބޭ އާމްދަނީ ނުލިބުމާއި، ހަރަދުތައް އާމްދަނީއަށްވުރެ އިތުރުވުމަކީ މި ގެއްލުން ކުރިމަތިވި މައިގަނޑު ސަބަބުތަކެވެ.

Ad by Hajj Corporation
ޔޫއެފާގެ ގަވާއިދުތަކާ ހިލާފުވުމުގެ ބިރު
މާލީ މާހިރު އާދަމް ވިލިއަމްސް ވިދާޅުވި ގޮތުގައި، ޔޫއެފާގެ ހަރަދު ކޮންޓްރޯލް ކުރާ ގަވާއިދުތަކާ ޗެލްސީން މިހާރު ވަނީ ހިލާފުވެފައެވެ. ޕްރިމިއާ ލީގުގެ 'ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ' ގަވާއިދުތަކަށް ފެތުމަށްޓަކައި ކްލަބުގެ އަންހެން ޓީމު ފަދަ އެސެޓްތައް އެތެރޭގެ މުއާމަލާތްތަކެއްގެ ދަށުން ވިއްކާލި ނަމަވެސް، ޔޫއެފާއިން އެފަދަ ހިސާބުތައް ބަލައެއް ނުގަނެއެވެ.
މި މައްސަލައިގައި ޗެލްސީ މިހާރު އޮތީ ޔޫއެފާއާއެކު ވެފައިވާ 'ސެޓްލްމަންޓް އެގްރީމަންޓް' އެއްގެ ދަށުގައެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކްލަބުގެ ހިސާބުތައް އެއްވަރު ކުރަން ޖެހެއެވެ. މިކަން ކުރުމަށްޓަކައި ޗެލްސީގެ މުހިންމު ކުޅުންތެރިންތަކެއް ވިއްކާލަން މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ.
މި ގަވާއިދުތަކަށް އަމަލު ނުކޮށްފިނަމަ، ޗެލްސީއަށް ބޮޑެތި ޖޫރިމަނާތަކަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން، ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރުން ފަދަ ހަރުކަށި އަދަބުތަކެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ޗެލްސީގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކްލަބް ދޫކޮށް ދިއުމުގެ ފުރުސަތު ބޮޑެވެ.


