އޮކްޓޯބަރު 3 ގެ އެއްވުމުގައި، ގޭންގުތައް މަގުމައްޗަށް ނެރެ ތަންތަނަށް ގެއްލުން ދޭން އެބަ މަސައްކަތްކުރޭ: ފުލުހުން

އެމްޑީޕީން މީގެކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ފޮޓޯ | ހަތާވީސް
ޢައްފާން މުޙައްމަދު01 އޮކްޓޯބަރު 2025 - 05:29
އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ ހަރަކާތުގެ ތެރެއިން، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާން ކުރެވިފައިވާކަން ފާޙަގަކޮށްފައިވެއެވެ.
ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އެމްޑީޕީން ބާއްވާ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެމްޑީޕީން ހުކުރު ދުވަހު މާލޭގައި އެއްވުމެއް ބާއްވަނީ "ލޫޓުވައިފި" ނަމުގައެވެ. އެ ޕާޓީން އަންނަނީ އެ އެއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
އެހެންނަމަވެސް، އެމްޑީޕީގެ މި އެއްވުމަށް އާންމުންގެ މާ ބޮޑު ތާއީދެއް ނުލިބޭނެކަމަށް، ސިޔާސީ ދާއިރާގައި ހަރަކާތްތެރި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަބަބެއްކަމުގައި އެ ފަރާތްތަކުން ބުނަނީ، އެމްޑީޕީގެ ވެރިކަންތަކުގައި މި ގައުމަށާއި ރައްޔިތުންނަށް ދީފައިވާ ގެއްލުމުގެ މަތިން ރައްޔިތުން ހަނދާން ނުނެތުމެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މީގެ އަހަރުތަކެއް ކުރިން އެމްޑީޕީން ބޭއްވި ބައެއް އެއްވުންތަކުގައި ވެސް ހަމަނުޖެހުން ހިންގައި، މުދަލަށާއި ތަންތަނަށް ގެއްލުންދީފައިވެއެވެ.
އިތުރު ލިޔުންތައް

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ
އަހަރެއް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
އަހަރެއް ކުރިން
ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ ސަރުކާރުގެ ސިޔާސަތާއި ހެދި: އަމީރު
އަހަރެއް ކުރިން.jpg&w=3840&q=75)


