ފެނަކައިގެ އޮޑިޓުން ފާހަގަވި ކަންކަމުގެ ތަހުގީގު އަވަސްކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
1 އޮކްޓޯބަރު 2025 - 11:57

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސް އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙްޤީޤު ކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައިފިއެވެ.
ޕީއެންސީގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ މި ގަރާރު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

Ad by Hajj Corporation
އެ ގަރާރުގައި ގޮވާލާފައިވަނީ ފެނަކައިގެ ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް، އެ މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އެޅުން އަވަސްކުރުމަށެވެ.
ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ސައީދުގެ މައްޗަށް ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގެ ދައުވާއަށެވެ.
މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލްކޯޓުން ހުކުމްކުރީ ސައީދު 4 އަހަރަށް ޖަލަށް ލުމަށެވެ.
ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ.


