މާލޭގެ އެކި ސަރަހައްދުތަކުން ވިއްކާފައިވާ ޕާކިން ޒޯންތައް މިހާރު އެންމެންނަށް ވެސް ބޭނުން ކުރެވޭނެ
1 އޮކްޓޯބަރު 2025 - 11:10

މާލޭގެ އެކި ސަރަހައްދުތަކުން ވިއްކާފައިވާ ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވަކި ފީއަކަށް ދޫކޮށްފައިވާ ޕާކިން ސަރަހައްދުތައް، ހުރިހާ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭގޮތަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ނިންމީ، އެޓަރނީ ޖެނެރަލްގެ އޮފީހުން މަގުމަތީގެ ޕާކިން ސަރަހައްދުތައް ކުއްޔަށް ދިނުމަކީގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫންކަމަށް ލަފާދިނުމާ ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
އެހެން ކަމުން ސިޓީ ކައުންސިލުން ބުނީ، މިއަދުން ފެށިގެން، ވަކި ބޭނުމަކަށް ހާއްސަކޮށްފައިވާކަން ބޯޑު ޖަހައިގެން އަންގާފައިވާ ސަރަހައްދުތައް ފިޔަވައި، މަގުމަތީގައި ޕާކުކުރުމަށް ފާހަގަކޮށްފައިވާ ހުރިހާ ތަނެއްގައިވެސް، ކޮންމެ ރައްޔިތަކަށްވެސް އުޅަނދު ބޭއްވޭނެ ކަމަަށެެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެކަމެއްނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާކަމަށް ބުނެ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މާލެ ސިޓީ ކައުންސިލަށް އެންގުމާގުޅިގެން، މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެގޮތުން، މިއަދުން ފެށިގެން، މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން، ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި، ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށްވެސް ޕާކް ކުރެވޭނެ ކަމަށެވެ.
ކުރީގެ ސިޓީ ކައުންސިލުން މަގުމަތީގެ ޕާކިން ސްލޮޓްތައް ވިއްކާފައިވަނީ އާންމު ކާރުތަކަށް މަހަކު 1,500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ. މިކަމާއި ގުޅިގެން ކުރިން ވެސް ގިނަ ބަޔަކު އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.