ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން، ސުމޫދު ފްލޮޓިލާއަށް ހުރަސްއަޅައި ބައެއް އުޅަނދުތަކަށް އަރައިގެންފި
1 އޮކްޓޯބަރު 2025 - 20:33

އިސްރާޢީލޭ ކިޔުނު ޔަހޫދީ ޒަޔަނިސްޓް ދައުލަތުގެ ނިރުބަވެރި ސިފައިން، ޣައްޒާއަށް އެހީ ހިފައިގެން ދަތުރުކުރާ ސުމޫދު ފްލޮޓިލާ އުޅަނދުތައް އިސްރާއީލުން ހުއްޓުވައި، އެއަށް އަރައިގެންފިއެވެ.
ފްލޮޓިލާގައި ތިބި އެކްޓިވިސްޓުންނާ ހަވާލާދީ ދުނިޔޭގެ ބޮޑެތި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނިރުބަވެރި ސިފައިން ވަނީ އެ ފްލޮޓީލާގައި ހިމެނޭ "އަލްމާ"އާއި "ސިރިއަސް" މިހާރު ވަނީ ހުއްޓުވައި، އެ އުޅަނދުތަކަށް އަރައިގެންފައެވެ.

Ad by Hajj Corporation
ދުނިޔޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވައިދުތަކަށް ބެލުމެއް ނެތި އެ ހުރިހާ ކަމަކަށް ގޮންޖަހައި އަމަލުކުރަމުންދާ ޔަހޫދީން އެ އުޅަނދުތަކަށް އަރައިގެންފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދު ނުވަތަ "އިންޓަނޭޝަނަލް ވޯޓާސް" ގައި ކަން ފާހަގަކޮށްލެވެއެވެ.
ފްލޮޓިލާ އުޅަނދުތަކުގެ ފަރާތުން ނެރުނު ބަޔާނެއްގައި، ދެ އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގެންފައިވާއިރު، ދަތުރުގެ އެންމެހައި ބައިވެރިންގެ ރައްކާތެރިކަމާއި ހާލަތު ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އެ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޔަހޫދީ ސިފައިން ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވާފައި ވަނީ ޣައްޒާއާއި 75 މޭލު ނުވަތަ 125 ކިލޯމީޓަރު ދުރުންނެވެ.
ޔަހޫދީ ސިފައިން އެރި ދެ އުޅަނދާއެކު މުއާސަލާތީ ގުޅުން މިހާރު ކެނޑިފައިވާ ކަމަށާއި، އުޅަނދުތަކަށް އެރިގޮތަށް، އެ އުޅަނދުތަކުގެ އިންޖީނު ނިއްވާލުމަށް އެމީހުން އެންގިކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުން ބުނީ ފްލޮޓިލާ ދަތުރުކުރަމުން އަންނަ މިސްރާބު ބަދަލުކުރަން އިންޒާރު ދީފައިވާ ކަމަށެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި ސުމޫދު ފްލޮޓިލާއަކީ އިންސާނީ އެހީތެރިކަމުގެ މިޝަނަކަށްވުރެ ބަޔަކު ރުޅިއެރުވުމުގެ ބޭނުމުގައި ހިންގާ އަމަލެކެވެ.
ގްލޯބަލް ސުމޫދު ފްލޯޓިލާގެ ބޯޓުތަކުން ގެންދާ އެހީގެ ތަކެތި އިސްރާއީލާއި ހަވާލު ކުރުމަށް އިސްރާއީލް ކަނޑުގެ ސިފައިން ޑިމާންޑް ކުރަން ފަށާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން މި ޑިމާންޑް ކުރި ނަމަވެސް، ފްލޯޓިލާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ވަނީ އެގޮތަށް އަމަލު ނުކުރާނެ ކަމަށް އަންގާފައެވެ. އަދި އެމީހުން ތިބީ ބައިނަލްއަގުވާމީ ކަނޑުގައި ކަމަށާއި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ގޮން ނުޖެހުމެއް އޭނާ ވަނީ އިސްރާއީލް ކަނޑުގެ ސިފައިންނަށް ގޮވާލާފައެވެ.
ފްލޮޓިއްލާއިން ޣައްޒާއަށް ދަތުރުކުރަމުންދިޔަ އިރު އިޓަލީވިލާތާއި ސްޕެއިނުން ވަނީ ފްލޮޓިއްލާއަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިދާނެ ޙާލަތެއް ކުރިމަތިވެދާނެ ކަމަށް އެ އުޅަނދުތަކަށް އެހީވުމަށް މަނަވަރު ފޮނުވައިފައެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި ޣައްޒާއާ 150 ނޯޓިކަލް މޭލު ބޭރުން އެ މަނަވަރުތައް ވަނީ ފްލޮޓިއްލާއާއެކު ދަތުރުކުރުން ހުއްޓާލައިފައެވެ.