ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓު ފެންނާނެ: މުބީން
8 އޮކްޓޯބަރު 2025 - 07:13

މި އަހަރުގެ ޑިސެމްބަރު މަހު ފަށާ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯލް މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވާދަކުރާނެކަން ހާމަކޮށްފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ، އެފްއޭގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ ވިމެންސް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޑިސެމްބަރު އެއްވަނަ ދުވަހު ފަށާނެކަމަށެވެ.

Ad by Hajj Corporation
އަދި މުބާރާތުގައި ބައިވެރިވާން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެފްއޭއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިކަމާ ގުޅިގެން ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައި ނިއުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، މިމުބާރާތުގައި ނިއުއިން ވާދަކުރާނެ ކަމަށެވެ. އަދި މުބާރާތުގެ ޤަވައިދުގައި، ޤައުމީޓީމުގެ ހަތަރު ކުޅުންތެރިޔަކު ޓީމްލިސްޓުގައި ޖެހޭނެކަމަށް ބުނެފައިވާއިރު، ޓީމް އެކުލަވާލައި ޤައުމީ ޓީމުގެ ހަތަރު ކުޅުންތެރިންނާ މިހާރު ވާހަކަ ދެކެވި، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
ދާދި އަވަހަށް ކުޅުންތެރިންނާއި އެގްރީމަންޓްހަދައި ޓީމް އިޢުލާން ކުރާނެކަމަށް ވެސް މުބީންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 11 އަސައިޑް މުބާރާތެއްގެ ގޮތުގައި ކަމަށާއި،ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު ކޮންމެ ޓީމެއްގައިވެސް ރަޖިސްޓްރީ ކުރާ ކުޅުންތެރިންގެ ތެރޭގައި އަންހެން ޤައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭނަމަ،ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ އެންމެފަހުން އެކުލަވާލާފައިވާ އަންހެން ޤައުމީ ޓީމުގެ ސްކޮޑްގެ ހަތަރު ކުޅުންތެރިން ކަމަަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރާއްޖޭގެ އެންމެ ގިނަ ސަޕޯޓަރުން އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހަމައެކަނި ކުރިއަށް ގެންދަނީ ފިރިހެނުންގެ ފުޓުބޯޅައިގެ ހަރަކާތްތައް އެކަންޏެއް ނޫނެވެ. މީގެކުރިން ބާއްވާފައިވާ އެކިއެކި މުބާރާތްތަކުގައި ނިއުގެ އަންހެން ފުޓުބޯޅަ ޓީމުން ވެސް ބައިވެރިވެފައިވާއިރު، އެހެނިހެން ކުޅިވަރުތަކުގައި ވެސް ވާދަކޮށް، ރަން ވަނަތަކެއް ހޯދާފައިވެއެވެ.