ވިކްޓްރީއަށް ހިތުގައި ޙާއްސަ މަގާމެއް އޮތަސް %100 ފޯކަސް ހުރީ ނިއުއަށް ކާމިޔާބީ ހޯދައިދޭން: ސުޒެއިން
20 އޮކްޓޯބަރު 2025 - 13:35

ވިކްޓްރީ ސްޕޯޓްސް ކުލަބާ މެދު ހާއްސަ އިހުސާސްތަކެއް ހިތުގައި ހުރި ނަމަވެސް 100 އިންސައްތަ ފޯކަސް ހުރީ ރާއްޖޭގައި އޮތް އެންމެ ބޮޑު ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް "ރަސްވާދަ" މެޗުގައި ކާމިޔާބީ ހޯދައިދިނުމަށްކަމަށް އެކުލަބުގެ ކޯޗު އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.
ކުޅުންތެރިއެއްގެ ގޮތުގައ ކެރިއަރުގެ ބޮޑުބައެއް ވިކްޓްރީގައި ހޭދަކޮށް ފަހުން އެކުލަބުގެ ކޯޗުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރި ސުޒެއިން ވަނީ، އަންގާރަ ދުވަހުގެ ހަވީރު ދިވެހި ލީގުގައި ކުޅޭ "ރަސްވާދަ" މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހިތުގައި ވިކްޓްރީއަށް އޮތް ހާއްސަ މަގާމާ ގުޅޭގޮތުން ވާޙަކަދައްކަވާފައެވެ.

Ad by Hajj Corporation
ވިކްޓްރީއަކީ އަޅުގަނޑުގެ ވަރަށް ގިނަ އިމޯޝަނަލް ކަންތައްތަކެއް ގުޅިފައިވާ ކުލަބެއް. އެންމެ ކުޑަމިނުން ވިކްޓްރީން މިހާރު ލޯގޯ ޖަހާލައިގެން ނުކުންނައިރު އެ ލޯގޯއަކީ ވެސް އޭގެ ވަރަށް ބޮޑު ބަދަލެއް އެއީ ސީދާ އަޅުގަނޑު ގެނައި ބަދަލު. އެ ލޯގޯ ފެނުނީމަ ވެސް އެއީ އަޅުގަނޑުގެ މަސައްކަތެއްކަން ހަނދާންވާނެ. އެކަހަލަ ބައިވަރު ކަންތައްތަކެއް ގުޅިފައި އޮތް ކުލަބެއް ވިކްޓްރީއަކީ - ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން
ކަން މިހެން އޮތް ނަމަވެސް، މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޒިންމާ، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސުޒެއިން ވަނީ ދެއްވާފައެވެ.
އަޅުގަނޑު މިހުރީ ނުކުމެ ޕްރޮފެޝަނަލީ މަސައްކަތެއް ކުރަން. ރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ ބޮޑު ކުލަބާ އެއްކޮށް. ހުރިއިރުގައި އެ މަސައްކަތް ކާމިޔާބުކުރުމަކީ ހަމަ ގައިމުވެސް އެންމެ ބޮޑު ޓާގެޓަށް ވާނެ. އެހެންވީމަ އަޅުގަނޑުގެ ފޯކަސް ހުރީ ސީދާ ނިއުރޭޑިއަންޓް އެ މެޗު (ރަސްވާދަ) މެޗު ކާމިޔާބު ކުރަން. ދެން ވިކްޓްރީގެ ސަޕޯޓަރުން އަދި ބައެއް އެހެން އެއްޗެހިވެސް މީގެ ތެރެއަށް އަންނާނެ. އެކަމަކު އަޅުގަނޑުގެ 100 ޕަސެންޓު ފޯކަސް މިހުރީ ނިއުރޭޑިއަންޓަށް މި މެޗު ކާމިޔާބުކުރަން - ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން
ނިއުރޭޑިއަންޓަށް ރަސްވާދަ މެޗުގައި ކާމިޔާބީ ހޯދައިދިނުމުގައި ވަރުގަދަ އަޒުމެއްގައި ހުންނެވިކަމަށް ކޯޗު ސުޒެއިން ވިދާޅުވިއިރު، އޭނާ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީން ކެރިއަރު ފަށައި، އެ ކުލަބަށް ކުޅެމުން ޕްލެޔަރެއްގެ ގޮތުގައި ކެރިއަރު ނިންމާލި ފަރާތެކެވެ. އެހެންނަމަވެސް އެ ދޭތެރެއިން ސުޒެއިން ވަނީ ވެލެންސިއާ، ލެގޫންސް އަދި އޯކިޑް ފަދަ ކުލަބުތަކަށް ކުޅެފައެވެ. 2001 ވަނަ އަހަރު ވިކްޓްރީއަށް ކުޅެމުން އައިސް ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔަރ ކުރުމަށްފަހު ސެޒެއިން ވަނީ 2002 ވަނަ އަހަރު އެ ކުލަބުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ އަހަރުތަކެއް ފަހުން ވިކްޓްރީގެ ހެޑް ކޯޗުކަމުގެ މަގާމާ ސުޒެއިން ހަވާލުވީ 2009 ވަނަ އަހަރުއެވެ. އެފަހުން އެހެން ބައެއް ކުލަބުތަކާއި ރާއްޖޭގެ ސީނިއަރ ގައުމީ ޓީމުގައި ވެސް ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު ސުޒެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ހަވާލުވީ މި ސީޒަނުގައެވެ.
ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުރިމަތިލުން ފެނިގެންދާ ރަސްވާދަ މެޗު ފަށާނީ އަންގާރަ ދުވަހުގެ ހަވީރު 15:30 ގައެވެ.
މި މެޗަށް ތައްޔާރުވުމުގެ ގޮތުން އަދި މެޗުގެ ފޯރި، ސަޕޯޓަރުންގެ މެދުގައި ބޮޑުކުރުމުގެ ގޮތުން ދެ ކުލަބުގެ މެނޭޖްމަންޓުން ވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މެޗުގައި ދެ ޓީމު ވެސް ފެނިގެންދާނީ ތާރީޚީ ޖާޒީއެއްގައެވެ. އެގޮތުން ނިއުރޭޑިއަންޓުން ބޭނުންކުރާނީ ނިއުއިން އެންމެފުރަތަމަ ގައުމީ ތަށި އުފުލާލިއިރު 1982 ގައި ބޭނުންކުރި ޖާޒީއެވެ. ވިކްޓްރީން ބޭނުންކުރާނީ 1985 ވަނަ އަހަރު ވިކްޓްރީން ގައުމީ ތަށި މިލްކުކުރިއިރު ބޭނުންކުރި ޖާޒީއެވެ.