ފުޓްބޯޅައިގެ ތާރީޚުގެ އެންމެ ފުރަތަމަ ބިލިޔަނަރުގެ ލަޤަބު ރޮނާލްޑޯއަށް
9 އޮކްޓޯބަރު 2025 - 03:35

ފުޓްބޯޅައިގެ ތާރީޚު ދުއް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ފުޓްބޯޅައިގެ ތާރީހުގެ ފުރަތަމަ ބިލިޔަނަރުގެ މަޤާމް ހާސިލްކޮށްފިއެވެ. ބްލޫމްބާގް ބިލިއަނެއަރ އިންޑެކްސްގެ މަޢުލޫމާތު ދައްކާ ގޮތުގައި މިހާރު 40 އަހަރުގެ މި ޕޯޗުގީޒް ތަރިއަކީ 1.4 ބިލިއަން ޑޮލަރުގެ މުއްސަންޖެކެވެ.
ރޮނާލްޑޯގެ މި މުއްސަނދިކަމުގެ ބޮޑު ބައެއް އަންނަނީ ސަޢޫދީ އަރަބިއްޔާގެ އަލް ނަސްރު ކްލަބާއެކު ވެފައިވާ އެއްބަސްވުމުންނެވެ. މި އެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރުގެ ޖޫން 30 އާ ހަމައަށް ސީޒަނަކަށް 250 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި އެއަށްފަހު އިތުރު ދެ ސީޒަނަށް އެއްބަސްވުން އިތުރުކޮށް، އިތުރު 400 މިލިއަން ޑޮލަރު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސަޢޫދީ އަރަބިއްޔާގައި ލިބޭ އާމްދަނީން ޓެކްސް ދައްކަން ނުޖެހޭކަން ވެސް ފާހަގަކުރެވެއެވެ.

Ad by Hajj Corporation
ޕޯޗުގަލްގެ މެޑެއިރާގައި އުފަން މި ތަރި، 14 އަހަރުގައި ސްކޫލް ދޫކޮށް ފުޓްބޯޅައަށް ހުސްވީއިރު، މިހާރު އޭނާގެ ވިޔަފާރިތަކުގެ ތެރޭގައި ސީއާރު7 ބްރޭންޑްގެ އަންޑަވެއަރ، ފައިވާން އަދި ސެންޓު ހިމެނެއެވެ. މީގެ އިތުރުން ނައިކީ، އަރްމާނީ، ޓަގް ހޯޔަރ، ލުވީ ވިޓޯން، ބައިނޭންސް އަދި ކާސްޓްރޯލް ފަދަ ބޮޑެތި ބްރޭންޑްތަކާއެކު ސްޕޮންސަރޝިޕް އެއްބަސްވުންތައް ވެސް އޮވެއެވެ. މީގެ އިތުރުން ރޮނާލްޑޯގެ އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި ބޮލުގެ އިސްތަށި އިންދުމުގެ ކްލިނިކްތަކާއި އަމިއްލަ ހޮޓާ ޗެއިނެއް ވެސް ހިމެނެއެވެ.
އިންސްޓަގްރާމްގައި 665 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ސޯސަލް މީޑިޔާގައި ފޮލޯކުރާ އެތްލީޓެވެ. އެހެންކަމުން ރޮނާލްޑޯއަކީ ބްރޭންޑްތަކުން ވަރަށް ބޮޑަށް ބޭނުންވާ ޕާޓްނަރެކެވެ.
ރޮނާލްޑޯގެ އެންމެ ވާދަވެރި މެސީގެ މިލްކިއްޔާތުގައި ހުރިކަމަށް ބްލޫމްބާގް އިން ބުނަނީ 850 މިލިޔަން ޑޮލަރެވެ.