ސުކޫކު ކޫޕަންގެ އޮކްޓޯބަރު ޕޭމަންޓަށްވާ 24.6 މިލިއަން ޑޮލަރު ދައްކައިފި
9 އޮކްޓޯބަރު 2025 - 06:21

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރ 2025 ގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފިއެވެ.
މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. އަދި މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ.

Ad by Hajj Corporation
ސުކޫކަށް އަނބުރާ ފައިސާ ދެއްކުމުގެ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިސަރުކާރުން އެންމެ ފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، ޖުމްލަ އަދަދުކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.
މިހިނގާ އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތެވެ.
ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ ސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.