އެކުވެރިކަމުގެ މެޗެއްގައި އިންގްލަންޑުން ވޭލްސް ބަލިކޮށްފި
10 އޮކްޓޯބަރު 2025 - 07:07

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވޭލްސް އަތުން 3-0 ގެ ނަތީޖާއަކުން އިންގްލަންޑް މޮޅުވެއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވުނު މި އެކުވެރިކަމުގެ މެޗުގައި އިންގްލަންޑުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ 20 މިނިޓުގެ ތެރޭގައެވެ. އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ ކޭން ނެތި ކުޅުނު މި މެޗުގައި އޭނާގެ ބަދަލުގައި ކޯޗު ތޯމަސް ޓުޗެލް ވަނީ އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ބޭނުންކޮށްފައެވެ.

Ad by Hajj Corporation
މެޗުގެ ތިންވަނަ މިނިޓުގައި އެސްޓަން ވިލާގެ މޯގަން ރޮޖަރސް ޖެހި ލަނޑުން އިންގްލަންޑުން ލީޑު ނެގިއެވެ. އޭގެ އަށް މިނިޓު ފަހުން އޮލީ ވޮޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އިންގްލަންޑުން ޖެހި ފުރަތަމަ ދެ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފައިވަނީ ކްރިސްޓަލް ޕެލަސްގެ މާކް ގޭހީއެވެ.
މެޗުގެ 20 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ އިންގްލަންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި އާސެނަލްގެ ކުޅުންތެރިޔާއަށެވެ. ބުކަޔޯ ސަކާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 13 ލަނޑު ޖަހާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވޭލްސް އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް އިންގްލަންޑްގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައެވެ. ނަމަވެސް އިތުރު ލަނޑެއް ޖެހުމުގެ ކާމިޔާބު އެއްވެސް ޓީމަކަށް ނުލިބުނެވެ.
މިމެޗަށްފަހު އިނގިރޭސި ޤައުމީޓީމުގެ ކޯޗު ވަނީ ސަޕޯޓަރުންނާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން އިންގްލަންޑުން ފަހަކަށް އައިސް ހޯދާ ރަނގަޅު ނަތީޖާތަކަށް ބަލާއިރު، ސަޕޯޓަރުންގެ ސަޕޯޓް އެންމެ އެދެވޭގޮތަށް ނުލިބޭކަމަށް ޓުޗެލް ވަނީ މެޗަށްފަހުގައި ބުނެފައެވެ.


