އައްބާސްގެ ސަރުކާރަށް 20 އަހަރު ދުވަހުން ނުވި ކިތަންމެ ކަމެއް ހަމާސްއިން 2 އަހަރުގެ ތެރޭގައި ކޮށްފި
10 އޮކްޓޯބަރު 2025 - 07:25

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއަށް 20 އަހަރު ދުވަހުން ނުވި ކިތަންމެ ކަމެއް ހަމާސްއިން އެންމެ 2 އަހަރުގެ ތެރޭގައި ކޮށްފައިވާކަމަށް ޣައްޒާ ހަނގުރާމަ ދިރާސާކުރި ޔަހޫދީންގެ މުހައްލިލުން ބުނެފިއެވެ.
ޣައްޒާ ހަނގުރާމައަށް 2 އަހަރުފަހުން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލާފައިވާ ޣައްޒާގެ ސުލްހައިގެ ޕްލޭންގައި ހިމެނޭ ކަންކަމާ މެދު އެއްބަސްވުމަކަށް އައިސް މި ޕްލޭންގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ވަނީ ފަށާފައެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ޣައްޒާ ހަނގުރާމަ ދިރާސާކުރި ޔަހޫދީންގެ މުހައްލިލުން ވަނީ ހަނގުރާމައިގައި ޔަހޫދީންގެ މައްޗަށް ހަމާސްއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ބުނެފައެވެ. އެގޮތުން ދެ ދައުލަތުގެ ހައްލަކަށް ދިއުމަށް ކުރެވުނު މަޝްވަރާތަކާއި ބައިނަލްއަގްވާމީ އެޖެނޑާއަށް ފަލަސްތީނުގެ ދައުލަތް ވެއްދުމާއިއެކު ޔޫރަޕްގެ ބޮޑެތި ގައުމުތަލުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަކީ ކާމިޔާބީތައްކަމަށް ޔަހޫދީންގެ މުހައްލިލުން ވަނީ ސިފަކޮށްފައެވެ.
އަދި ސަރަހައްދުގައި ހަމާސްގެ ސިޔާސީ ބާރުވެރިކަން އިތުރުވެ ބައިނަލްއަގްވާމީ މުޖުތަމައުގައި ޔަހޫދީން ބަދުނާމުވެފައިވާކަމަށް ޣައްޒާ ހަނގުރާމަ ދިރާސާކުރި ޔަހޫދީންގެ މުހައްލިލުން އަންނަނީ ބުނަމުންނެވެ.
މީޑިއާތަކުން ބުނާގޮތުންގައި ހަނގުރާމައަށް ދެ އަހަރުވީއިރުވެސް ހަމާސްގެ ހިތްވަރަށް ބަދަލެއް އައިސްފައެއްނުވެއެވެ. މި ދެއަހަރުގެ ތެރޭގައި ހަމާސްއިން ވަނީ ޣައްޒާގައި ވެރިކަން ކުރުމުގެ އިތުރުން މުޅި ޣައްޒާ ބަނޑަށްޖެހުނު ވަގުތު އެ ޖަމާއަތުގެ މުޖާހިދުންނަށް މަދުން ނަމަވެސް ފައިސާގެ އެހީ ފޯރުވާ އަދި ޣައްޒާގެ ރައްޔިތުންނަށް ލިބުނުވަރަކުން ކާބޯތަކެތިވެސް ފޯރުކޮށްދީފައެވެ. ވުމާއެކު ޣައްޒާގެ އާއްމުންގެ މެދުގައި ހަމާސްގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.
މާލީ ހާލަތު ކިތަންމެ ދަށްވިޔަސް ހަމާސްއިން އެ ޖަމާއަތުގެ މުޖާހިދުންގެ މެދުގައި އެއްވެސް ފަރަގުކުރުމނެއް ނުގެންގުޅޭކަމަށާއި ވުމާއެކު ހާމަސްގެ މުޖާހިދުންނަކީ ޔަހޫދީ ސިފައިންނަށް ވުރެ އެމީހުންގެ ވެރިންނަށް ވަފާތެރި ބައެއްކަމަށް ޔަހޫދީންގެ މުހައްލިލުން ވަނީ ބުނެފައެވެ.
އޮކްޓޯބަރ 7 ގެ ކުރިން ހަމާސްގެ ބިންގަރާސްތަކުގައި 700 މިލިއަން ޑޮލަރަށްވުރެ ގިނަ ނަގުދު ފައިސާ ފޮރުވާފައިވާކަމަށާއި މި ފައިސާ ހަމާސްއިން ބޭނުންކުރީ މުޖާހިދުންނަށް މުސާރަ ދިނުމަށާއި ޣައްޒާގެ ބަނޑަށްޖެހިފައިވާ އާއްމުންނަށްބެހުމުގައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިފައިސާ ހަމާސްއަށް ދީފައިވަނީ ތުރުކީވިލާތް ޤަޠަރު އަދި އީރާންއިންކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
ޣައްޒާ ހަނގުރާމަ ދިރާސާކުރި ޔަހޫދީންގެ މުހައްލިލުން ބުނީ އަސްކަރީ މާ ގިނަ ވަސީލަތްތަކެއް ލިބިފައިނުވިނަމަވެސް ހަމާސްގެ ކާމިޔާބީ ގުޅިފައިވަނީ މި ދެއަހަރުގެ ތެރޭގައި އަމިއްލައަށް އުފެއްދި ބޮމާއި މިސައިލުގެ އިތުރުން ޣައްޒާގެ ބިމުގެ އަޑީގައި ގާއިމުކޮށްފައިވާ ބިންގަރާސްތަކާކަމަށެވެ.
ޔަހޫދީންގެ މުހައްލިލުން ބުނީ މިއަދާ ހަމާސްގެ ބާރު ޣައްޒާގެ ފަސްގަނޑުން ނައްތާނުލެވޭނެކަމަށެވެ.