އެއްބަސްވުން ކޮންމެ ގޮތަކަށް އޮތަސް ހަމާސް ދެމިއޮތްހާ ހިނދަކު ހަނގުރާމަ ހުއްޓައެއް ނުލާނަން: ޔަހޫދީން
19 އޮކްޓޯބަރު 2025 - 11:45

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ އުދުވާނީ ހަމަލާތައް ހުއްޓައިލުމަށް ވެވިފައިވާ އެއްބަސްވުން ކޮންމެ ގޮތަކަށް އޮތްނަމަވެސް ހަމާސް ދެމިއޮތްހާ ހިނދަކު ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ނުހުއްޓާނެކަމަށް ޔަހޫދީން ބުނެފިއެވެ.
އޮކްޓޯބަރު މަހުގެ 9ވަނަ ދުަވަހު ޔަހޫދީންނާއި ހަމާސްއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އެ އެއްބަސްވުމާ ތަކުރާރުކޮށް ޔަހޫދީން އަންނަނީ ހިލާފުވަމުންނެވެ. އެގޮތުން މިއަދުވެސް ޣައްޒާއަށް އަލުން ހަމަލާތައް ދޭން އިސްރާއީލުގެ ކަނާތު ފިޔައިގެ ނޭޝަނަލް ސެކިއުރިޓީ ވަޒީރު އިޓަމާރް ބެން-ގްވިރް، ހައްދުފަހަނައެޅި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލިތާ މާ ގިނަ އިރެއް ނުވެ ޣައްޒާގައި ލޭ އޮހޮރުވުން އަލުން ފެށުމަށް ތާއީދުކޮށް ޔަހޫދީންގެ ގިނަ ވަޒީރުން އަންނަނީ ވާހަކަދައްކަމުންނެވެ.

Ad by Hajj Corporation
އެއްބަސްވުމާ ހިލާފަށް މިއަދުވެސް ޔަހޫދީން އަންނަނީ ރަފަހާއި ޖަބަލިއާއަށް ހަމަލާތައް ދެމުންނެވެ. އަދި ހަމާސްއިންވެސް އަންނަނީ ޔަހޫދީންނާ ދެކޮޅަށް މި ސަރަހައްދުތަކުގައި ރައްދު ހަމަލާތައް ދެމުންނެވެ.
ޣައްޒާގެ 53 އިންސައްތަ އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ.
ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާއެކު ޔަހޫދީންނާއި އެމެރިކާއިން އަންނަނީ ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް ގޮވާލަމުންނެވެ. ނަމަވެސް ދިގު މުއްދަތަކަށް ސުލްހަވުމަށް ތައްޔާރަށް އޮތް ނަމަވެސް ހަތިޔާރު ނުބަހައްޓާނެކަމަށް ޙަމާސްގެ ސިޔާސީ ގޮފީގެ އިސް ލީޑަރެއްކަމަށްވާ ޙައްމަދު ނައްޛާލްވެސް ވަނީ ވިދާޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުވެސް ޔަހޫދީންވަނީ ފަލަސްތީނުގެ 38 މީހުން ޝަހީދުކޮށްލައި 143 މީހަކު ޒަހަމްކޮށްލާފައެވެ. އެއާއެކު އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 68،116 އަށް އުފުލި ޒަހަމްކޮށްލާފައިވާ މީހުންގެ އަދަދު 170،200 މީހުންނަށް ވަނީ އުފުލިފައެވެ.