logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެ

އިސްމާޢިލް ރާތިޢު
12 ފެބްރުއަރީ 2026 - 11:40
އިޓަލީގެ ޚާރިޖީ ވަޒީރު- ފޮޓޯ: އޭއެފްޕީ
އިޓަލީގެ ޚާރިޖީ ވަޒީރު- ފޮޓޯ: އޭއެފްޕީ

ފަލަސްޠީންގެ ޣައްޒާގެ ހިންގުމާ ޙަވާލުވާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ޞުލްޙައިގެ ބޯޑުގައި ބައިވެރިނުވާން ޕޮލެންޑާއި އިޓަލީވިލާތުން ވެސް ނިންމައިފިއެވެ.

އެ ބޯޑު ފުރިހަމަ އެކުލަވައިލެވުމުން، ޣައްޒާގެ އިތުރުން، ހަމަނުޖެހުން ބޮޑު އެހެން ސަރަޙައްދުތަކަށް ވެސް ސުލްޙަ ގެނައުމަށް އެ ބޯޑުގެ ދަޢުރު ފުޅާކުރުމުގެ ތަސައްވުރު ޓްރަމްޕް ވަނީ ހާމަކުރައްވައިފައެވެ.

އެކަމުގެ ސަބަބުން، ވިލާތުގެ ގިނަ ޤައުމުތަކުން އެ ބޯޑުގައި ބައިވެރިވާން ވަނީ ފަސްޖެހިފައެވެ.

ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ވިދާޅުވި ގޮތުގައި، އެ ބޯޑުގެ އެކުލެވިގެންވާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ރިއާއަތްކޮށް، މި ވަގުތަށް އެ ބޯޑުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ ޙާލަތު ބަދަލުވެއްޖެނަމަ، އެ ބޯޑުގައި ބައިވެރިވުމާމެދު އަލުން ގޮތެއް ނިންމާނެކަމަށް ޓަސްކް ވިދާޅުވިއެވެ.

އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ، އެ ބޯޑުގައި އިޓަލީވިލާތުން ބައިވެރިވުމަށް ދުސްތޫރީ ގޮތުން ހުރަސްތަކެއް އެބަހުރި ކަމަށެވެ.

އިޓަލީވިލާތުގެ ޤާނޫނުއަސާސީގެ ދަށުން، ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކާ ގުޅުމަށް، އެ ޖަމްޢިއްޔާއެއްގެ މެމްބަރު ޤައުމުތަކަށް ހަމަހަމަ ބާރު ލިއްބައިދީފައި އޮންނަންޖެހެއެވެ. ނަމަވެސް، ސުލްޙައިގެ ބޯޑު ޓްރަމްޕް އެކުލަވާލައްވަނީ، އަމިއްލަފުޅަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ ގޮތަށެވެ.

ނަމަވެސް، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތުގައި އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޞުލްޙައިގެ ބޯޑާ ގުޅުމަށް 60 ޤައުމަކަށް އެމެރިކާއިން ވަނީ ދަޢުވަތު ދީފައެވެ.

އެ ބޯޑުގައި ބައިވެރިވުމަށް ތުރުކީވިލާތާއި، މިޞްރު، ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރު ފަދަ ޤައުމުތަކުން އެއްބަސްވެފައިވީނަމަވެސް، އެ ބޯޑު ޙަރަކާތްތެރިވާން ފެށުމާއެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި އދއިން މިހާރު އަދާ ދަޢުރަށް ހިޔަނިއެޅިދާނެކަމުގެ ބިރާއެކު، ހުޅަނގުގެ ބޮޑެތި ޤައުމުތަކުން އެ ބޯޑާ ގުޅުމަށް ދަނީ ފަސްޖެހެމުންނެވެ.

އެ ބޯޑުގައި ބައިވެރިވާ ޤައުމުތަކުން، ޣައްޒާ އަލުން ބިނާކުރުމަށް އެހީތެރިވުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އިތުރުން، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ގޮތުގައި އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ އަނެއް ހަތަރު ޤައުމުން އެ ބޯޑުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައެއް ނުވެއެވެ.

އެ ބޯޑުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ހުރިކަމަށް ރަޝިޔާއިން ބުނެފައިވީނަމަވެސް، އެކަމާ ގުޅޭގޮތުން ޗައިނާއިން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފަރަންސޭސިވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވަނީ އެ ބޯޑުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާ ސުލްހައިގެ ބޯޑުގައި ޕޮލެންޑާއި އިޓަލީވިލާތުން ވެސް ބައިވެރިއެއް ނުވާނެދުނިޔެ | 3 ގަޑިއިރު ކުރިންހިންދުގެ ފޮޓޯއަކާއެކު ބާސެލޯނާގައި ވަރުގަދަ މެސެޖެއް: "ޣައްޒާގެ ކުޑަކުދިން މިނިވަންކުރޭ!"ދުނިޔެ | 13 ދުވަސް ކުރިންއިސްރާއީލުގެ ޢުދުވާނުތައް އެންމެ ގާތުން ގެނެސްދިން ބިސާން، ޓިކްޓޮކުން ބޭރުކޮށްލައިފިދުނިޔެ | 14 ދުވަސް ކުރިންއަސީރެއްގެ ހަށިގަނޑު ހޯދުމުގެ ނަމުގައި ޔަހޫދީން، ޣައްޒާގެ ގަބުރުސްތާނެއް ކޮނެފިދުނިޔެ | 14 ދުވަސް ކުރިން