ސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: މުއްޠަލިބު
12 އޮކްޓޯބަރު 2025 - 13:33

ސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށްދިނުން ގާނޫނުގެ ތެރެއިން ހުއްޓުވާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅައިފައިވާ 4،000 ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމާއެކު، އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރަން ފެށި މައްސަލަތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅުގައި ވަޒީރު ވިދާޅުވީ ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަބަދުވެސް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެންކަމަށެވެ. އަދި މިގޮތަށް ކަންތައްކުރުމުގެ ސަބަބުން ބޯހިޔާވަހިކަން އެންމެ ބޭނުންވެފައި ތިބި ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
"އަޅުގަނޑުމެންގެ ވިސްނުމަކީ ސަރުކާރުން އެތަން ކުއްޔަށް ދީފައި އިން އާއިލާއިން އެތާ ދިރިއުޅެންޖެހޭނީ. ކުއްޔަށްވެސް ހިލޭވެސް އެހެން ފަރާތަކަށް ދީގެން ނުވާނެ. އެކަން ކުރަން ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އެކަން ހުއްޓުވާނަން. މިއީ ވަރަށް ގިނަ ރައްޔިތުން ޝަކުވާކުރާކަމެއް އިނގޭތޯ" ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު
ވަޒީރު ވިދާޅުވީ، މިފަދަ ތަންތަން ކުއްޔަށްދޫކުރާ ފަރާތްތަކަކީ ކޮބައިކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން ބަލަމުންދާނެކަމަށެވެ.
އެފްޑީސީއާ ފްލެޓު ލިބުނު ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން އަންނަނީ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާން ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ފްލެޓްތައް ކުއްޔަށް ދިނުމަށް 25،000 ރުފިޔާއަށް ވެސް ވަނީ އިއުލާންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.