އިޤްތިޞާދީގޮތުން ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު: ޑރ މާރިޔާ
15 އޮކްޓޯބަރު 2025 - 07:19

އިޤްތިޞާދީގޮތުން ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު ކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާ ގުޅިގެން ދެއްވި ހާއްސަ ހިތާބުގައެވެ.

Ad by Hajj Corporation
ވަޒީރު ވަނީ ދިވެހިރާއްޖޭގެ އިޤްތިސާދު މައިގަނޑު ބިނާވެފައިވަނީ ކަނޑުގެ މުއްސަނދި ވަސީލަތްތަކަށް ކަމަށް ވީ ނަމަވެސް، ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ވިސްނާއިރު، ދަނޑުވެރިކަމުގެ ސިނާއަތަކީވެސް އިޤްތިސާދަށް މުހިންމު ސިނާއަތެއްކަަމަށް ވިދާޅުވެފައެވެ.
އަދި ޚާއްޞަކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމު ކަމަށް ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ދަނޑުވެރިކަން ކުރުމުގައި ދިވެހިރާއްޖޭގެ ބިން ކުޑަކަން ފާހަގަ ކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ، ބިމުގެ ފެންފަށަލަތައް ލޮނުވުންފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ދަނޑުވެރިން ދަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުންކަމަށެވެ.
ދަނޑުވެރިން އުފައްދާ ތެކެއްޗަށް މާކެޓް ހޯދުމުގެ ގޮންޖެހުމާއި އަދި މާކެޓަށް ތަކެތި ފޯރިކޮށްދިނުމުގައި ހުރި ގޮންޖެހުން ތަކުން އަރައިގަތުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި އެގްރޯ ނެޝަނަލް ކޯޕަރޭޝަން އާއެކު މަސައްކަތްތަކެއް ކުރަމުން ދާަކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް، ވަރޓިކަލްފާމިންގް އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމަށް އަޅުގަނޑުމެން މިދަނީ އަމާޒުހިފަމުން. ހަމަމިއާއެކު މި ސިނާޢަތުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުން މިއީ ދަނޑުވެރިކަން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކާނާގެ ޔަޤީންކަން ގާއިމްކުރުމަށް މުޙިއްމު ކަމެއް. މިގޮތުން، ސްކޫލްތަކުގައި ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ވެސް މިފަދަ ކުރިއެރުމެއް" ޑރ.މަރްޔަމް މާރިޔާ
ވަޒީރު ވަނީ ދިވެހިރާއްޖެއަކީ ދަނޑުވެރިކަމުގެ އީޖާދީ އުފެއްދުންތެރިކަމުގެ ރީތި ނަމޫނާއަކަށް ވުމުގެ އިތުރުން ބޭރުގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ކުޑަ ޤައުމަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރާ ވަރަށް މުހިންމު ކަމެއްކަމަށާއި، މިކަމުގެ ސަބަބުން މި ގައުމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބިގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.