ހުޅުމާލޭގައި ހަލާކުވެފައިވާ 700 އަށްވުރެ ގިނަ އުޅަނދު
16 އޮކްޓޯބަރު 2025 - 11:17

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ 700 އަށްވުރެ ގިނަ އުޅަނދު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad by Hajj Corporation
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ފުލުހުންގެ ފަރާތުންނެވެ.
މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭންއެވެ. މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިކަމަށް ފުލުހުން މަުއލޫމާތުދެއެވެ.
މި މަސައްކަތަކީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި މަސައްކަތެކެވެ.