ޕާކިސްތާނުގެ ވައިގެ ހަމަލާއެއްގައި އަފްޣާން ކްރިކެޓް ކުޅުންތެރިން ހިމެނޭހެން 8 މީހުން މަރުވެއްޖެ

18 އޮކްޓޯބަރު 2025 - 03:47

ކާބޫލް، އަފްޣާނިސްތާނު 18 އޮކްޓޯބަރު 2025– ޕާކިސްތާނުން އަފްޣާނިސްތާނުގެ ޕަކްޓިކާ ސޫބާ އަށް ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 8 މީހުން މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި 3 އަފްޣާން ކްރިކެޓް ކުޅުންތެރިން ހިމެނޭ ކަމަށް އަފްޣާނިސްތާނު ކްރިކެޓް ބޯޑުން (އޭސީބީ) ބުނެފިއެވެ.
މި ހަމަލާއަކީ ދެ އަވައްޓެރި ގައުމުގެ މެދުގައި ސަރަހައްދީ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ދީފައިވާ ހަމަލާއެކެވެ.

Ad by Hajj Corporation
އޭސީބީއިން ހާމަކޮށްފައިވާ ގޮތުގައި މި ކުޅުންތެރިން ވަނީ ރައްޓެހި މެޗެއްގައި ބައިވެރިވުމަށްޓަކައި އުރްގުން އިން ޕާކިސްތާނާ ސަރަހައްދީ ގޮތުން ގުޅިފައިވާ އިރުމަތީ ޕަކްޓިކާ ސޫބާގެ ޝަރާނާއަށް ދަތުރުކޮށްފައެވެ. އަދި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ކުޅުންތެރިން އެނބުރި އުރްގުންއަށް އައިސް އެއްވެތިބި ވަގުތުގައެވެ.
މަރުވި 3 ކުޅުންތެރިންނަކީ ކަބީރު، ސިބްޣަތުﷲ އަދި ހާރޫން ކަމަށް އޭސީބީއިން ބުނެފައިވެއެވެ. މި ހަމަލާގައި އެމީހުންގެ އިތުރުން އިތުރު 5 މީހުން ވެސް މަރުވެފައިވާ ކަމަށް އަފްޣާނިސްތާނު ކްރިކެޓް ބޯޑުން ހާމަކުރެއެވެ.
އޭސީބީއިން މި ހަމަލާއާ ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވި ނަމަވެސް، އެ ބޯޑުން ބުނެފައިވަނީ މިއީ ޕާކިސްތާނު ސަރުކާރުން ހިންގި ފިނޑި ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ހަމަލާއަށްފަހު، އަންނަ މަހު ޕާކިސްތާނާއި ސްރީލަންކާއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ގައުމުގެ މުބާރާތުން އަފްޣާނިސްތާނު ވަނީ "ޝަހީދުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން" ތަނާޒުލުވެފައެވެ.
"އަފްޣާނިސްތާނު ކްރިކެޓް ބޯޑުން އެންމެ ފުން ހިތާމައާއި ހިތާމަ ފާޅުކުރަނީ ޕަކްޓިކާ ސޫބާގެ އުރްގުން ޑިސްޓްރިކްޓުގެ ހިތްވަރުގަދަ ކްރިކެޓް ކުޅުންތެރިންގެ ހިތާމަވެރި ޝަހީދުވުމާއި ގުޅިގެންނެވެ. ހުކުރު ދުވަހުގެ ރޭ ޕާކިސްތާނު ސަރުކާރުން ހިންގި ފިނޑި ހަމަލާއެއްގައި އެމީހުންނަށް އަމާޒުކޮށް ހަމަލާ ދީފައިވެއެވެ." އޭސީބީއިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފަވެއެވެ.
މި ހަމަލާއާ ގުޅިގެން އަފްޣާނިސްތާނު-ޕާކިސްތާނު ސަރަހައްދީ ހަމަނުޖެހުންތައް ވަނީ ބޮޑުވެފައެވެ. އަފްޣާން މީޑިއާތަކުން ބުނާ ގޮތުގައި ހުކުރު ދުވަހު ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ޕަކްޓިކާ ސޫބާގައި ގިނަ އަދަދެއްގެ ވައިގެ ހަމަލާތައް ދީފައެވެ. މިއާ ގުޅިގެން ކާބުލުން ވަނީ އިސްލާމާބާދުން އަވައްޓެރި ދެ ގައުމުގެ މެދުގައި ވެފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.