އަންހެން މުވައްޒަފަކަށް މުސާރަ ނުދިން ސެލޫނުގެ ވެރިމީހާއަށް މުވައްޒަފުން ކުޅިދައްކާލައިފި

18 އޮކްޓޯބަރު 2025 - 04:02

އިންޑިއާގެ ނަވީ މުންބާއީގައި ހުންނަ ސެލޫނެއްގެ ވެރިޔަކު، އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް އެތައް މަހެއް ވަންދެން މުސާރަ ނުދީ، އަޅައި ނުލި މައްސަލައެއްގައި ރާޖް ތަކްރޭގެ މަހާރާޝްޓްރާ ނަވްނިރްމާން ސޭނާ (އެމްއެންއެސް) ގެ މެންބަރުން ސެލޫންގެ ވެރިމީހާ ގައިގައި ތަޅައިގެންފިއެވެ.
އެތަނުގެ މި ހާދިސާގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ކަމޯތޭގައި ހުރި މި ސެލޫނުގެ އަންހެން މުވައްޒަފަށް އެތައް މަހެއްގެ މުސާރަ ނުލިބުމުން ކުރި ޝަކުވާ ކުރުމުން ވެރިމީހާ ބީރުކަންފަތެއްދީ އަޅައިނުލުމުންނެވެ. އޭނާގެ މުސާރައަށް އެދި އެތައް ފަހަރަކު ސެލޫނުގެ ވެރިޔާ ކައިރީ އެދުމުން ވެސް އޭނާ ވަނީ އަޅައިނުލައި އަޑުނީވޭކަމަށް ހަދާފައެވެ.

Ad by Hajj Corporation
މިވާހަކަ އަންހެން މުވައްޒަފު އެމްއެންއެސްގެ މެންބަރުންނާ ހިއްސާކުރުމުން އެމްއެންއެސްގެ މެންބަރުން ސެލޫނަށް ގޮސް ވެރިޔާއާ ކުރިމަތިލާފައިވެ އެވެ. ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ގިނަ ބަޔަކު އެއްވެގެން އެ ސެލޫނުގެ ވެރިޔާއަށް ތަޅާފޮޅަމުންދާއިރު، އޭނާ ސަލާމަތަށް އެދި ވެއްޓިފައި އޮވެ ރޮއި އާދޭސްކުރާ މަންޒަރު ފެނެ އެވެ. މި ވީޑިއޯ ނަގާފައިވަނީ ހަމަލާދިން މީހުންގެ ތެރެއިން މީހެއްކަމަށް ބެލެވެ އެވެ.
މި ހަމަލާއާ ގުޅިގެން އެ ސްޓޭޓްގެ ފުލުހުން ބުނެފައިވަނީ، މިހާތަނަށް ރަސްމީ ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް، ވައިރަލްވެފައިވާ ވީޑިއޯއަށް ފުލުހުން ސަމާލުކަންދީ، އޭގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފަހަކަށް އައިސް އެމްއެންއެސްގެ މެންބަރުން ވަނީ އެކި ފަހަރުމަތިން ހަމަލާދޭ މައްސަލަތަކުގައި ޝާމިލުވެފަ އެވެ. ޚާއްޞަކޮށް، މަރާތީ ސަގާފަތާއި ބަހަށް ބޭރުމީހުން ފާޑުކިޔާކަމަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި އެމްއެންއެސްގެ ހަރަކާތްތައް ވަނީ ފާހަގަކުރެވިފަ އެވެ. މި ހަފްތާގެ ކުރީކޮޅު، ތާނޭގައި ހުރި ރޭލްވޭ ސްޓޭޝަނެއްގައި، އަންހެނަކު އޭނާގެ ފިރިމީހާއަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، މަރާތީ މީހުންނާ ދެކޮޅަށް ނުރަނގަޅު ބަސްތައް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ހާލަތެއްގައި، އެމްއެންއެސްގެ މެންބަރަކު އެ އަންހެނަކަށް ޖަހާފައިވާ މަންޒަރުވެސް ވަނީ ފެނިފަ އެވެ.