ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއް
18 އޮކްޓޯބަރު 2025 - 07:43

މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކޮށް އަހުލުވެރިކުރުމަށް ޕްރޮގްރާމެއް ހިންގުމަށް މަސްވެރިކަމާއި ބެހޭ ވުޒާރއިން ނިންމައިފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation
އެ ތަމްރީން ކުރިއަށް ގެންދާނީ ތިން މަަސް ދުވަހަށް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ.
މިއީ މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުމާއި އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށްވުން ހިމެނެއެވެ. އަދި މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށް ވެސް ވާން ޖެހެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ، މި ތަމްރީން ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދެވޭނެކަމަށެވެ.
އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިއަންނަ އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށެވެ. މި މުއްދަތުގައި، ބައިވެރިންނަށް ޑެއިލީ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 23 އޮކްޓޫބަރ 2025 ގެކުރިން އީމެއިލް މެދުވެރިކޮށް ހުށަޙެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ.