ސައިބަރ ކުށްތަކަށް ހޭލުންތެރިކުރުމަށް ހާއްސަ އެޕެއް ތައާރަފުކުރަނީ
18 އޮކްޓޯބަރު 2025 - 15:56

ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސްއެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ފުލުހުން މަސައްކަތް ފަށައިފިއެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނުން ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަންބަރުތަކާއި، އެކައުންޓް ނަންބަރުތަކާއި، ފިޝިން ލިންކްތަކާ ގުޅޭ މަޢުލޫމާތު ފެންނަން ހުންނާނެއެވެ.

Ad by Hajj Corporation
"މި އެޕުގައި މި ހިމެނޭ ޑާޓާގެ އިތުރުން، ސްކޭމް ކޯލެއް އިތުރު މީހަކަށް އައިސްފިނަމަ، އެ މަޢުލޫމާތު އަޅުގަނޑުމެންނަށް އިމްޕޯޓްކޮށް، ވެރިފައި ކުރުމަށްފަހު ޕަބްލިޝް ކުރެވޭނެ. އެޕް ސަރޗްކޮށްލުމުން ހުރިހާ ރައްޔިތުންނަށްވެސް މި މަޢުލޫމާތު ފެންނާނެ"_ އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް
އެޕްލިކޭޝަން ލޯންޗުކުރެވުމާއެކު ކޮންމެ އަށް ގަޑިއިރަކުން މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުންދާނެ ކަމަށާއި، އަދި މައްސަލަތަކުގެ އަޕްޑޭޓް ނުލިބުމަކީ ގިނަ ފަރާތްތަކުގެ ޝަކުވާއަކަށްވެފައިވާ ހިނދު، މި އެޕްލިކޭޝަން މެދުވެރިކޮށް އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އިންސްޕެކްޓަރ ވަނީ ބުނެފައެވެ. އަދި ކޮންމެ ފަރާތަކުންވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް ބެލުމާއި މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އަޒީފް ވަނީ ބުނެފައެވެ.
ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ކަމަށް އިންސްޕެކްޓަރ އަޒީފް ފާހަގަކުރެއްވިއެވެ.