ފުލުހުންގެ ހިތްވަރަށް ސާބަސް: ގެއްލުނު 109 ސައިކަލާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ މަހު ވެސް ހޯދާފައިވޭ
19 އޮކްޓޯބަރު 2025 - 07:12

ތަފާތު އެކި ގޮތްގޮތުން ގެއްލިފައިވާ 109 ސައިކަލާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން މިދިޔަ މަހުގެ ތެރޭގައި ރިކަވާކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭގޮތުގައި، މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެތެރެއިން ގެއްލިގެން ރިޕޯޓުކުރި 109 ސައިކަލު އަނބުރާ ހޯދާފައިވާއިރު އޭގެ އަގު 6،878،766ރ (ހަ މިލިއަން އަށްލައްކަ ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އަށް އަރައެވެ.

Ad by Hajj Corporation
އަދި ތަފާތު 20 މައްސަލައެއްގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ 588،822.76ރ ވެސް ފުލުހުންގެ މަސައްކަތުން ވަނީ ހޯދާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ ސެޕްޓެންބަރުމަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެތެރެއިން ޖުމްލަ 189 އެއްޗެއް ފުލުހުން ހޯދާފައިވެއެވެ.
ސައިކަލާއި ފައިސާގެ އިތުރުން ގެއްލިގެން ރިޕޯޓުކުރި 13 މޯބައިލް ފޯނެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. އެ ތަކެތީގެ އަގު 154،562ރ އަށް އަރައެވެ.
މީގެއިތުރުން ގެއްލިގެން ރިޕޯޓުކޮށްފައިވާ 8 އިލެކްޓްރޯނިކް ސާމާނު ވެސް ހޯދާފައިވާއިރު އޭގެ އަގު 32،300 ރުފިޔާއަށް އަރައެވެ. އަދި 39 އެހެނިހެން ތަކެތިވެސް ހޯދާފައިވާއިރު އޭގެ އަގު 43،115 ރުފިޔާއަށް އަރައެވެ.
މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 27464 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި 1029 ގަޑިއިރާއި 55 މިނެޓު ވަންދެން މާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.
މީގެ އިތުރުން 5264 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4776 މީހުންނާއި ރިކޯޑު ނެތް 488 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 1 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ.
ރާއްޖެއަކީ ރައްޔިތުންނާއި މި ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ތަނަކަށް ހެދުމަށްޓަކައި ސަރުކާރާއި ފުލުހުން ގުޅިގެން އަންނަނީ ކާމިޔާބު، މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.