އޮޑިޓަރ ޖެނެރަލަށް ''ހޭވެރިކަން ވަނީ ގިލިގިލި ކޮއްޓާލީމައި'': ރިޔާޒު

18 އޮކްޓޯބަރު 2025 - 18:11

މިއަދު އޮޑިޓަރ ޖެނެރަލަށް ހޭވެރިކަން ވަނީ ގިލިގިލި ކޮއްޓާލީމައިކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ''ޖަވާބުދާރީ'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، ދައުލަތުގެ އެންމެ ހިއްސާއެއް ވެސް އޮންނަ ކުންފުންޏެއް ވެސް އޮޑިޓް ކުރަންޖެހޭނެ ކަމަށް ޤާނޫނުއަސާސީގައި އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެސްޓީއޯގެ ކުންފުންޏެއް ސިންގަޕޫރުގައި އޮންނަ ކަމަށާއި، އެތަނާ ގުޅޭގޮތުން ވެސް ވަރަށް ތަފާތު ވާހަކަތައް ދައްކަމުން އަންނާތީ، އެއިރު އެމަނިކުފާނު ހާއްސަ މަޖިލީހުގައި ހުންނެވި އިރު، ހުށަހެޅުއްވި އިސްލާހެއްގެ ސަބަބުން، ސަރުކާރުގެ އެންމެ ހިއްސާއެއް ތަނެއްގައި އޮތްނަމަވެސް އެތަނެއް އޮޑިޓް ކުރަންވާނެ ގޮތަށް ޤާނޫނުގައި ހިމެނިފައިވާނެކަމަށެވެ.

Ad by Hajj Corporation
އޮޑިޓަރ ޖެނެރަލަށް ޤާނޫނީ ޒިންމާތަކެއް އޮންނަކަން ހަނދާންކޮށްދެއްވަމުން ރިޔާޒު ވިދާޅުވީ، ކޮންމެ އަހަރެއްގެ އޮޑިޓް ރިޕޯޓް ވެސް ދެން އަންނަ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ނިންމައި ޢާއްމުކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް ގަވައިދުން ނިމޭތޯއާއި، ނުނިމިއްޖެނަމަ ސުވާލުކުރާނެ ފަރާތެއް އެބަހުރިތޯ ރިޔާޒު ސުވާލު ކުރަށްވާފަވެއެވެ.
''އެސްޓީއޯގެ ކުންފުންޏެއް އޮންނާނެ ސިންގަޕޫރުގައި ވެސް އެތަނާއި ގުޅޭގޮތުން ވެސް ވަރަށް ތަފާތު ވާހަކަތައް ދައްކާ، އެއިރު އަޅުގަނޑު ހުރީ ހާއްސަ މަޖިލީހުގައި، އެހެންވެ އަޅުގަނޑު ހުށަހެޅި އިސްލާހެއް އެއީ ސަރުކާރުގެ އެންމެ ހިއްސާއެއް ތަނެއްގައި އޮތްނަމަވެސް އެތަނެއް އޮޑިޓް ކުރަންވާނޭ،އަދި އޮޑިޓަރ ޖެނެރަލް އޮވޭ މަސްއޫލިއްޔަތެއް، އެ ނިންމަންވެސް ޖެހޭ، މިއަހަރުގެ އޮޑިޓް ދެން އަންނަ އަހަރުގެ މާރިޗް މަސް ނިމުމުގެ ކުރިން އޮޑިޓްކޮށް ނިންމަންވާނެ އޮންނާނެ ޤާނޫނުގައި، އެއް އަހަރުގެ އޮޑިޓް އަނެއް އަހަރު ފެށިގެން މިވެނި ތާރީޚެއްގައި ނިންމަންވާނޭ ގާނޫނުގައި އޮންނާނެ، ނިންމާތޯ އެ'' ރިޔާޒް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ރިޔާޒު ފާހަގަކުރެއްވީ، 17 ވަނަ އަދި 18 ވަނަ މަޖިލީހުގައި އެބޭފުޅުން ތިބެގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީއަށް ގެނެސް ބަލާފައިވާނެ ކަމަށެވެ. އަދި މިހާރުގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެއިރު މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމު ފުރުއްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެއިރު އޮޑިޓް ރިޕޯޓުތައް ބަލާފައި ފާހަގަކުރެވޭ ކަންކަން ބެލުމަށާއި، ގެއްލުންވެފައިވާ ފައިސާ ހޯދުމަށް އަންގާ، އެފަދަ މައްސަލަތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނެރަލް ވެސް މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
''އަޅުގަނޑުމެން 17، 18 ވަނަ މަޖިލީހުގައި ތިބެގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމެޓީއަށް ގެނެސްގެން އޮޑިޓް ރިޕޯޓް ބަލަން، މިކަން މާލިއްޔަތު ކޮމެޓީން ބަލާނެ، މިހާރު ވެސް އެ ހުންނެވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް، އައްސަވާ، އެއީ އެއިރުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ބަލާނެ އަޅުގަނޑުމެން، ބަލާފަ ފާހަގަކުރެވޭ ކަންކަން ހުންނާނެ އަންގާފަ، ކަންތައް ބަލާށޭ، ގެއްލުން ވަންޏާ އެ ފައިސާ ހޯދަން އަންގާށޭ، އޭސީސީ ވެސް އޮޑިޓަރ ޖެނެރަލް ވެސް ހުންނާނެ އެފަދަ މައްސަލަތަކުގައ ހާޟިރުކޮށްފައި'' ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ، މަޖިލީހުން ދެކޭގޮތް އޮޓަރ ޖެނެރަލަށާއި އޭސީސީ އަށް ވެސް އަންގާ ކަމަށާއި، ދައުލަތަށް ގެއްލުންވާ ގޮތަށް ހުރިކަންކަން ރަނގަޅުކުރުމަށާއި، ފައިސާ ގެއްލިފައިވާނަމަ ހޯދަން އަންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
''އެމީހުންވެސް ދޭނެ ރިކޮމެންޑޭޝަންތަކެއް، ދިނީމަ ހުންނާނެ މާލިއްޔަތު ގާނުނަށާއި ގަވާއިދަށް އިސްލާހްތައް ގެނެސްފަ، އެގޮތަށް ހިނގާނަމަކަ މައްސަލަ މިހެން ދިމައެއްނުވާނެ، މިއަދު މިހުރިހާ ކޮރަޕްޝަނަކާއި މިވާހަކަތައް ދައްކާއިރު އޮޑިޓަރ ޖެނެރަލް ހަނު ހުންނަވަނީ، ވިދާޅެއްނުވޭ އެއްވެސް އެއްޗެއް، ގިލިގިލިކޮއްޓާލީމަ އޭނަ ހޭވެރިކަން ވެސް ވަނީ، އެހެނެއް ކަމަކުނުދާނެދޯ'' ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިސްޓަމް ރަނގަޅަށް ހިނގާނީ އޮޑިޓަރ ޖެނެރަލް ވެސް ގާނޫނުގައި އޮންނަ ގޮތަށް ޒިންމާ ނަންގަވައި ޢަމަލުކޮށްގެންކަމަށެވެ.