ރިޔާޟް މި ކިޔައިދިނީ ހަމަ ސަތޭކައިގެ ތެދެއް: ރައީސް މުޢިއްޒު ދެއްކެވީ އިޚުލާޞްތެރިކަމުގެ ނަމޫނާއެއް
22 އޭޕްރީލު 2026 - 08:14

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވުނު އިންތިޚާބުތަކަށް ބަލާއިރު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ފަދަ ބުރަ މަސައްކަތެއް އެއްވެސް ރައީސަކު ކުރައްވާފައިވާތަން ދެކެވަޑައިގެންފައި ނުވާކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒު ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ރޯދައާއި ޝައްވާލު މަހުގެ ހަ ރޯދައަށް ހުންނަވައިގެން، ގަދަ އަވީގައި ކެތްތެރިކަމާއެކު ރައީސް ކުރެއްވި މަސައްކަތަކީ ހަމައެކަނި ސިޔާސީ ވާދަވެރިކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއެކެވެ. މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވައި "ޑޯޓުޑޯ" ޙަރަކާތްތަކުގައި ރައީސް އަމަލީގޮތުން އުޅުއްވީ ނުހަނު އިޚުލާޞްތެރިކަމާއެކުގައެވެ.

Ad by Hajj Corporation
"ހިތާމައަކީ ރައީސް މިފަދަ ބުރަ މަސައްކަތެއް ކުރެއްވިއިރު، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ ފަރާތުން އެފަދަ ހިތްވަރެއް ނުފެނުން. ސޯޝަލް މީޑިއާއަށް ބަލާލިޔަސް ފެންނަނީ ރައީސް އެކަނި މަސައްކަތް ކުރައްވާ މަންޒަރު،" ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ، ބައެއް ފަރާތްތަކުން ތަހުޒީބު މުޖުތަމަޢުއެއްގައި ބޭނުންކުރުން އެކަށީގެންނުވާ ބަސްމަގުން މުޚާތަބު ކުރި ނަމަވެސް، ރައީސް މުޢިއްޒު އެކަންކަމަށް ކެތްތެރިވެވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެއްސެވި ކަމަށެވެ. ވަކިން ހާއްސަކޮށް، ބޯހިޔާވަހިކަމުގެ ދަތިކަމުގައި ތިބި ރައްޔިތުންގެ ކަރުނުން ފުރިގެންވީ ޝަކުވާތައް އަޑުއައްސަވައި، ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގައި ހުރި ހަރުކަށި އުސޫލުތައް މުރާޖަޢާކުރައްވައި ވަގުތުން ލުއިދެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުލި ނުދެއްކި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވައި، އަސާސީ ޚިދުމަތްތަކުގެ އަގު ހެޔޮކޮށްދެއްވުމަކީ ރައްޔިތުންގެ ލާބައަށް ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކެއް ކަމަށް ވިދާޅުވިއެވެ.
އިންތިޚާބުތަކުން ބައެއް ދާއިރާތައް ނާކާމިޔާބުވާ ސަބަބާ ގުޅޭގޮތުން ރިޔާޒު ވިދާޅުވީ، އެއީ ފައިސާ ނެތުމުން ނޫން ކަމަށާއި، އެއީ އެ ދާއިރާތަކާ ޙަވާލުވެ ތިއްބެވި އިސް ބޭފުޅުން ރައްޔިތުންނާ ބާއްވާ ގުޅުން ކުޑަވުމުން ކަމަށެވެ. "ރައްޔިތުން ބޭނުންވަނީ ދަތިކަމެއް ޖެހިގެން ގުޅާލުމުން ފޯނު ނަގާނެ ވެރިއެއް. މިއަދު ބައެއް ވެރިންގެ ފޯނު އޮންނަނީ 'ވަންވޭ' ކޮށްފައި،" ރިޔާޒު ފާހަގަކުރެއްވިއެވެ.
ސަރުކާރު ހިންގުމުގެ ނިޒާމަށް ގެންނަވަމުންދާ ބަދަލުތަކަށް ތައުރީފު ކުރައްވަމުން ރިޔާޒު ވިދާޅުވީ، ޤާބިލުކަން ކުޑަ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ވަކިކުރެއްވުމަށް ރައީސް ނިންމެވި ނިންމެވުމަކީ އެމަނިކުފާނުގެ ސާބިތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރުންނަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރުންނަށް ފުރަތަމަ ޑިގްރީ އޮތުން ލާޒިމުކުރެއްވުމަކީ، އެއްވެސް ނުފޫޒެއްގެ ދަށުނުވެ ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވާނެކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމާލަމުން ރިޔާޒު ރަޝީދު ވިދާޅުވީ، ފެންނަ ނުފެން ވޯޓަކީ ރައީސް ޑރ. މުޢިއްޒަށް އޮތް ތާއިދު ވަޒަންކުރި އިންތިޚާބެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގުނު ވޯޓެއް ކަމަށެވެ.


