މަޝްރޫޢުތަކަށް އިންވެސްޓްކުރުމަކީ ސިޔާސީ ނިންމުންތަކެއް ނޫން: ޝަރީފް
21 އޭޕްރީލު 2026 - 07:07

އޭޓީއެމްގެ ޚިދުމަތް ފުޅާކުރެވުނީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކުގައިކަމަށާއި އެހެންކަމުން އެކަމުގައި ސަރުކާރަށް ކްރެޑިޓް ނެގިދާނެކަމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އޭޕްރީލް 21 ވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭންކުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

Ad by Hajj Corporation
އެގޮތުން އެފަދަ ވާހަކަތަކެއް ދެކެވޭ މައިގަނޑު ސަބަބަކީ ބޭންކުގެ އޭޓީއެމް ނެޓްވަރކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާއަތަށް ބޭންކުން ވަނުމުންކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެއީ ސިޔާސީ ނިންމުންތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އެއީ، ބޭންކުގެ ބޯޑާއި މަޝްވަރާކުރެވި ނަގާފައިވާ ވިޔަފާރީގެ ނިންމުންތަކެއްކަމަށް ވަނީ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ބޭންކުގެ ނަޒަރުން ބަލާއިރު، ބޭންކުން އެކަންކުރީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބެންކަށް ލިބޭނެ ފައިދާއަށް ބެލުމަށްފަހުގައިކަމަށާއި ބޭންކުންގެ ނިންމުންތަކަކީ ވަކި ހަމަތަކެއްގެ މަތިން ބޭންކުގައި އޮތް ބޯޑުން ނިންމާ މިނިވަން ނިންމުންތަކެއްކަމަށެވެ.
ބޭންކުން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުންވަނީ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ވަނީ ގާމުކޮށްފައެވެ. އަދި ގެދޮރުވެރިކަމުގެ ދާއިރާއިން ހޯމް ކޮންސްޓްރަކްޝަން ލޯނު ދޫކުރަން ފަށާފައިވާއިރު، އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބީއެމްއެލްއިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


