އުމުރުން 75 އަހަރުވުމާ ހަމައަށް ބީއެމްއެލް އިން ލޯނު ދޫކުރާގޮތަށް ނިންމައިފި
21 އޭޕްރީލު 2026 - 07:31

ބޭންކް އޮފް މޯލްޑިވްސް އިން ލޯނާއި ފައިނޭންސިންގ ދޫކުރާ އެންމެ މަތީ އުމުރުފުރާއަށް ބަދަލު ގެނެސް، އުމުރުން 75 އަހަރުވުމާ ހަމައަށް ލޯނު ދޫކުރާގޮތަށް ނިންމައިފިއެވެ.
ބީއެމްއެލް އިން ބޭއްވި ނޫސްވެރިންެ ބައްދަލުވުމުގައި ދިވެހީންގެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ މީގެކުރިން ބީއެމްއެލްއިން ލޯނު ދޫކުރަމުން ދިޔައީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދެއްކޭގޮތަށެވެ. އެހެންނަމަވެސް މިހާރު މި އުމުރުފުރާ 75 އަހަރަށް އިތުރުކޮށްފައިވާކަމަށާއި މި ބަދަލާއެކު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ހުށައެޅޭނެ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation
ޝަރީފް ވިދާޅުވީ މި ބަދަލަކީ އޭޕްރިލް 20 ވަނަ ދުވަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ކަމަށާއި، މީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި މެދު އުމުރުގެ މީހުންނަށް ލޯނު ނެގުމުގައި ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށެވެ.
މީގެކުރިން އޮންނަގޮތުން 60 އަހަރަށްވުރެ އުމުރުން ދުވަސްވެއްޖެ ނަމަ ލޯނެއް ނުދެވޭ ކަމަށާއި އުމުރުން 55 އަހަރުވީ މީހަކަށް ވެސް ލޯނެއް ދެވޭނީ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމޭނެ ލޯނެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމަކު 75 އަހަރަށް އުމުރު ބަދަލު ކުރުމުން ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމަށާއި އެހެނިހެން ކަންތައްތަކަށްވެސް އަދި މެދުއުމުރުގެ މީހުންނަށްވެސް އިތުރު ފަސޭހައެއް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.


