ޑިފެންޑަރ ފޯވާޑަކަށްލައިގެން ބާސާ މެޗު ކާމިޔާބުކުރިއިރު، ކޯޗަށް އެލް ކްލެސިކޯ ގެއްލިއްޖެ
19 އޮކްޓޯބަރު 2025 - 03:52

ލަލީގާ ގައި ރޭގައި ޖިރޯނާ އާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންޑަރ އަރައޫހޯ ފަހުވަގުތު ޖެހި ގޯލާއެކު، ބާސެލޯނާ 2-1 އިން މޮޅުވެއްޖެއެވެ. މިމެޗުގައި ޓީމުގެ ކޯޗު ހަންސީ ފްލިކަށްވަނީ ރަތް ކާޑެއް ދައްކައިފި އެވެ. މި ރަތް ކާޑާ ގުޅިގެން އަންނަ ހަފްތާ ބަންދުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗުގައި ނީނދެވޭނެ އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ފްލިކް ބުނެފައިވަނީ ފުރަތަމަ ދެއްކި ރީނދޫ ކާޑުގައި ސަބަބެއް އޮތް ނަމަވެސް ރަތް ކާޑު ދެއްކި ސަބަބެއް ނޭނގޭ ކަމަށެވެ. "އަހަރެން ޑިޔޮންގަށް ދެއްކި ރީނދޫ ކާޑާއެކު އަތްޖެހީ. އެކަމާ ހެދި ރީނދޫ ކާޑު ދެއްކީ. ރަތް ކާޑު ދެއްކި ސަބަބެއް އަހަރެންނަށް ނޭނގޭ،" ފްލިކް ބުންޏެވެ.

Ad by Hajj Corporation
ރޭގެ މެޗުގައި ފުރަތަމަ ގޯލު ބާސާއިން ޖެހިނަމަވެސް ޖޮރޯނާ ވަނީ އޭގެ އިރުކޮޅެއް ފަހުން ނަތީޖާ ހަމަކޮށްފައެވެ. އަދި މީގެ އިތުރުންވެސް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއް ރޭގެ މެޗުގައި ޖިރޯނާއަށް ވަނީ ލިބިގެން ގޮސްފައެވެ. މި މެޗުގައި ބާސެލޯނާގެ މޮޅުވުން ހޯދައިދިނީ ދެވަނަ ހާފުގެ ފަހުކޮޅު ކުޅެން ނިކުތްޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ. އޭނާ މި ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ކޯޗު ފްލިކް ބުނެފައިވާ ގޮތުގައި އަނިޔާގައި ތިބި މުހިންމު ދެ ފޯވަޑުންގެ މަގާމަށް ކުޅެދިނުމަށް އަރައުހޯ އާ ވާހަކަ ދެއްކުމުން އޭނާ އެކަމަށް އެއްބަސްވި އެވެ.
މެޗުގެ ދެވަނަ ހާފުގައި ކޯޗު ފްލިކް ވަނީ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރީ އާއި ލަމީން ޔަމާލް ބަދަލުކޮށްފަ އެވެ. ކޯޗު ބުނެފައިވާ ގޮތުގައި މި ދެ ކުޅުންތެރިންނަށް އަރާމު ކުރުމަށް ފުރުސަތު ދިނުމަށްޓަކައި މި ބަދަލު ގެނައީ އެވެ.
މި މެޗުން މޮޅުވުމާއެކު ބާސެލޯނާ ވަނީ 21 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ދެވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ލިބޭނީ ދެވަނަ އެވެ.