އައްޑޫގައި ކުރިއަށްގެންދާ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގެ ޙައްޤު 9576 މީހަކަށް
19 އޮކްޓޯބަރު 2025 - 10:25

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި 9000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ކޮމިޝަނުން ބުނީ މި ފެންނަ ނުފެންނަ ވޯޓުގައި ޖުމްލަ 9576 މީހަކަށް މި ވޯޓުގައި ވޯޓުލުމުގެ ޙައްގު ލިބޭކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މައުލޫމާތުގައިވާގޮތުން އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ވޯޓު ދިނުމުގެ ޙައްގު 4355 މީހުންނަށް ލިބެއެވެ. އަދި މީދޫގެ 2347 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބޭއިރު ހުޅުދޫގެ 2874 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބެއެވެ.

Ad by Hajj Corporation
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މި އިންތިހާބުގައި ވޯޓުފޮށިތައް ބަހައްޓާނީ ފޭދޫ އާއި މީދޫ އާއި ހުޅުދޫގެ އިތުރުން މާލޭގައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނީ ނިންމާފައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނިންމާފައިވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީއެވެ.
މި ވޯޓުގައި އައްޑުއަތޮޅު މީދޫގެ ރައްޔިތުންނަށް ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭތޯއެވެ. އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހޮޔާލު ހޯދާނީ ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭތޯއެވެ.