އީސީގެ އަންދާޒާ: ލޯކަލް ކައުންސިލް އިންތިހާބަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ

19 އޮކްޓޯބަރު 2025 - 18:11

މިއަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް 80 މިލިއަން ރުފިޔާއާ ހަމައަށް ހަރަދުވެދާނެ އަންދާޒާ ކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި ގޮތުގައި މި އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 17 ގައި ހުޅުވާލެވޭނެއެވެ. އަދި އިންތިހާބު ބޭއްވުމަށް ރޭވިފައިވަނީ މާޗު މަހުގެ ތެރޭގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
"އަޅުގަނޑުމެން މިއަށްވެސް މި ބަލަނީ އެންމެ މަދުވެގެން ވެސް ގާތްގަނޑަކަށް، 70 ވަރަކަށް، 80 ވަރަކަށް މިލިޔަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް،" ޒާހިދު ވިދާޅުވިއެވެ.
އިންތިހާބުތައް ބޭއްވުމަށް މިފަދަ ބޮޑު ހަރަދެއް ކުރަން ޖެހެނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އިންތިހާބުތަކެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކަމަށް އީސީގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މި އިންތިހާބުގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށްދާނީ ފިޒިކަލްކޮށް ކަމަށާއި، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު ލިބި، ބަލައިގަނެވިފައިވާ އިންތިހާބުތަކެއްކަން ފާހަގަކުރަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުވެސް އެ ފެންވަރުގައި ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އިތުރަށް ވިދާޅުވިއެވެ.