އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
19 އޮކްޓޯބަރު 2025 - 10:56
.webp&w=1920&q=75)
މިމަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައިބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެންމެން ކޯޓުން ދޫކޮށްލައިފިއެވެ.
އެ މުޒާހަރާއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ އާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފާއި، މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހާއި، އެމްޑީޕީގެ އެކްޓިވިސްޓުންކަމަށްވާ އަލީ ޖުމާން، އަޒީމް އަލީ އަދި ހަސަން ޝާކިރެވެ.

Ad by Hajj Corporation
މި 6 މީހުންގެ ބަންދަށް 15 ދުވަސް އޭރު ޖަހާފައިވެއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުމުން ފުލުހުންވަނީ އިތުރު 15 ދުވަހު އެމީހުން ބަންދުގައި ބައިތިއްބާދިނުމަށް އެދިފައެވެ. ނަމަވެސް ކޯޓުން ވަނީ ވަކި ޝަރުތުތަކަކާއެކު އެމީހުން ބަންދުން ދޫކޮށްލައިފައެވެ.
"ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ފުލުހުންނަށް ގަސްދުގައި އަނިޔާ ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
އެއްވުމުގެ ތެރެއިން 3 ފުލުހަކަށް އަނިޔާވެގެން ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުންނަށެވެ.