އެމްޑީޕީ ސަރުކާރުގެ ސިޔާސީ މުޒައްފުންގެ އަދަދު ވެސް އެ ޕާޓީގެ މުޒާހަރާއިން ދައްކާނުލެވުނު: ޙުސެއިން ޙަމީދު
14 އޮކްޓޯބަރު 2025 - 16:03

މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީ އިން މާލޭގައި ބޭއްވި މުޒާހަރާގައި، އެމްޑީޕީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންނާ އެއް އަދަދަށް ވެސް މީހުން ބައިވެރިވެފައި ނުވާކަމަށާއި، އެމްޑީޕީން ޖަހަން އުޅޭ ދަންތުރައިގައި ދެން ދިވެހި ރައްޔިތުން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޙަމީދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "މައުޟޫޢު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ހަމީދު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގެންފިކަމުގެ އެންމެ ބޮޑު ހެއްކަކަށް، އިދިކޮޅު ފަރާތްތަކަށް ގޭގައި ނުތިބެވިގެން މަގުމައްޗަށް ނުކުމެ ގައުމު ހަލަބޮލިކުރުން ކަމަށެވެ. އަދި ވެރިކަމުގެ ހުވަފެން ދެކެމުންދިޔަ ބޭބޭފުޅުން، ވެރިކަމަށް އައުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ގައުމެއްގެ ކަންކަން ހަމަމަގުން، ރަނގަޅަށް ދާކަމުގައިވާނަމަ މަޑުން ނުތިބެވޭނެކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

Ad by Hajj Corporation
އެމްޑީޕީން އެއްވުންތައް ބާއްވައިގެން އެ ދައްކުވައިދެނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ ހައްގުގައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ކާމިޔާބުވަމުންދާކަމުގެ ހެއްކެއްކަމަށް މެމްބަރު ހަމީދު ވިދާޅުވިއެވެ.
މަގުމައްޗަށް ނުކުމެގެން އެމްޑީޕީއަށް މިއަދު ކާމިޔާބުވާނެ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވެ މެމްބަރު އިތުރަށް ވިދާޅުވީ، މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުން ވެސް އެކަން ފެނިގެންދިޔަ ކަމަށެވެ.
ގާތްގަނޑަކަށް މަހެއް ދޮޅުމަހެއް ކުރިން ފެށިގެން މުޅި ރާއްޖޭގައި ކެމްޕެއިން ކޮށްގެން އިނގޭތޯ. މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން ފައިސާ ބަހައިގެން، ކޮއްތުފައިސާ ދީގެން، ޓިކެޓު ދީގެން ކިހާވަރެއްތޯ އެއްވީ. 2000 މީހުން ހަމަނުވި، 27، 28 މީހުންގެ ލޯންޗު ނެގި ތަންތަނުން ލޯންޗަށް އަރާނެ މީހުން ނުވި. ބައެއް ރަށްރަށުން އެބަހުރި ދެ މީހުން އައިއްސަ. އެހެންވީމަ ހަގީގަތުގައި އެބޭފުޅުން ކިތަންމެ މަސައްކަތް ކުރިއަސް، ރައްޔިތުންނަށް މިއަދު މި ހަގީގަތްތައް ވަރަށް ރަނގަޅަށް އެބަ އިނގޭ. މި ގައުމުގެ އިޤްތިޞާދު އިނދަޖައްސާލީ ކޮން ބައެއްކަން، މި ގައުމު މި ހާލަތަށް ވައްޓާލީ ކޮން ބައެއްކަން، މި ގައުމު އެ ހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތްކޮށް، މިއަދު ރައްޔިތުން ހިތްހަމަޖެހޭ ކަހަލަގެ އިހުސާސެއް ގެނެސްދިނީ ކޮން ސަރުކާރަކުންކަން. އެހެންވީމަ ރައްޔިތުންނަށް ކަމެއް އޮޅިގެނެއް ނޫޅޭ - ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޙަމީދު
މެމްބަރު އިތުރަށް ވިދާޅުވީ، ކިތަންމެ ރަނގަޅަކަށް ގައުމުގެ ކަންކަން ދިޔަ ނަމަވެސް، ސިޔާސީ އެކްޓިވިސްޓުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި އެހެންނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް، އެ އެއްވުންތަކުން ހަމަ ނުކުރެވުނު ކަމަށެވެ.
މިހާރުވެސް އެބޭފުޅުން އެ އެއްވާ ތަންތަނުގައި، އަދި ހަމަނުވާނެ، މިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަށް މީހުން ހަމަނުވާނެ. އެއީ 4000 އެއްހައި މީހުން، ސިޔާސީ މަގާމުތަކުގައި މިދިޔަ ސަރުކާރުގައި ތިއްބެވި. އެ އަދަދަށްވެސް އަދި މީހުން ހަމަނުވާނެ އެބޭފުޅުންގެ މަގުމަތީގެ މުޒާހަރާތަކަށް. އެއީ މަސް ދުވަސް، ދޮޅުމަސްދުވަސް ކުރިން ގޮވައިގެން، އަތްފުނާ އަޅައިގެން ގެނައި އިރުވެސް. އެހެންވީމަ މިއަދު އަޅުގަނޑުން ވެސް އަދި އަޅުގަނޑުމެންގެ ސަރުކާރަކުން ވެސް މިކަމާ ޖެހިލުން ވެގެނެއް ނޫޅެން - ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޙަމީދު
އެމްޑީޕީން އެތައް ދުވަހެއް ކުރިން ފެށިގެން ތައްޔާރުވާން ފެށި، "ލޫޓުވައިފި" އެއްވުމަށް ރައްޔިތުންގެ މާބޮޑު ތަރުހީބެއް ލިބިފައިނުވާކަމަށް ބުނެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އަދި އުއްމީދުކުރިވަރާ ގާތަށް ވެސް އެމްޑީޕީގެ އެއްވުމަށް ރައްޔިތުން އައިސްފައިނުވާތީ، އެ އެއްވުން ބޭއްވުމަށް، ފުލުހުންނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ، މަގުތަކަށް ނުކުމެ، އެމްޑީޕީގެ ލީޑާޝިޕުން ދިން ހިތްވަރާއެކު މުޒާހަރާގެ ބައިވެރިން ވަނީ ޤާނޫނާ ޚިލާފުވެ، ފުލުހުންނާ ވެސް ކުރިމަތިލާފައެވެ.