ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސިންނަށް އާސަންދަ ނުލިބޭތީ މަޖިލީހަށް ޤަރާރެއް
19 އޮކްޓޯބަރު 2025 - 15:16

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންނަށް އާސަންދައިގެ ހިދުމަތް ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.މެންބަރު ހުށަހެޅުއްވި ގަރާރުގައި ވަނީ، ދިވެހިންގެ ތެރެއިން އާބަދީގެ ނިސްބަތުން ގިނަ އަދަދެއްގެ ބަޔަކު ބިދޭސީންނާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދާ ކަމަށާއި އެމީހުންނަށް ދަރިން ލިބި އެ ދަރިން ރާއްޖޭގައި ބޮޑެތިވެ އަދި އެ ދަރިންނަށް ދަރިން ލިބި އެމީހުންގެ މުޅި ހަޔާތް ވޭތުކުރަމުންދަނީ ރާއްޖޭގައި ކަމަށެވެ.
އަދި އާސަންދައިގެ ހިދުމަތް މި ވަގުތު ލިބެނީ ހަމައެކަނި ދިވެހި ރައްޔިތުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް އެކަނި ކަމަށްށާއި،ގާނޫނުއަސާސީގައި ދިވެހި ރައްޔިތުންކަން މާނަކުރާ ގޮތްތައް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

Ad by Hajj Corporation
މީގެ އިތުރުން އެ ގަރާރުގައި ވަނީ، ބިދޭސީއަކު ދިވެހި ރައްޔިތަކަށްވުމަށް އޮންނަ ހަމައެކަނި ގޮތަކީ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށާއި އެ ގާނޫނަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިންނާ ކައިވެެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ރައްޔިތުކަން ހޯދުމަށް ބޭނުންވާ އެތައް ބަޔަށް އެ ފުރުސަތު ހޯދިފައިނުވާ ކަމަށެވެ.
ދިވެހިންނާ ކައިވެެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރޭގައި ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަންޖެހޭ މީހުން ތިބިކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.