ހިތަދޫގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ ލިބޭނެ އުފަލެއް: ރައީސް

20 އޮކްޓޯބަރު 2025 - 17:16

ލ.ހިތަދޫގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ އެމަނިކުފާނަށް ވެސް ލިބިވަޑައިގަންނަވާ އުފަލެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ ލ. އަތޮޅު ދަތުރުފުޅުގައި މިއަދު ހިތަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި، އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެއީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށާއި، އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

Ad by Hajj Corporation
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ހިތަދޫގެ ރައްޔިތުން ވަނީ އެއަރޕޯޓު މަޝްރޫޢުއާ ގުޅޭގޮތުން "ވަރަށް ޓެކްނިކަލީ ސައުންޑް" އަދި "ދެކޮޅުޖެހޭ ފީސިބަލް" ޕްރޮޕޯސަލެއް ހުށަހަޅުއްވާފައެވެ. އަދި މުޅި ރަށުގެ ރައްޔިތުން މިކަމުގައި ތިބީ އެއް ވިސްނުމެއްގައި ކަމަށާއި، އޭގެ ފައިދާތައް އެމަނިކުފާނަށްވެސް ވިސްނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އެއަރޕޯޓު މަޝްރޫޢުއާ ގުޅޭގޮތުން ވަކި ގޮތެއް މި ދަތުރުފުޅުގައި ނުނިންމަވާނެ ކަމަށް ވިދާޅުވިނަމަވެސް، އެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި "އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން، އުމްރާނީ ތަރައްޤީގެ ގޮތުން، ދަތުރު ފަތުރުގެ ގޮތުން" ވިސްނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ހިތަދޫގައި 9 މަޝްރޫޢެއްގެ މަސައްކަތް ފައްޓަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެއްދެވުމަކީ އެމަނިކުފާނަށްވެސް ލިބިވަޑައިގަންނަވާނެ އުފަލެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.