އައްޑޫގައި ނަގާ ވޯޓަކީ ސަރުކާރުން ވަކި ގޮތަކަށް ނިންމާފައިވާ ވޯޓެއް ނޫން, ފުއްދަނީ ވަޢުދެއް: ރައީސް

20 އޮކްޓޯބަރު 2025 - 17:45
އައްޑޫ ސިޓީގެ ތިން ރަށެއްގެ އިދާރީ ހިންގުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ވަކި ނިންމުމެއް ނެތްކަމަށާއި، ރައްޔިތުން ނިންމާ ގޮތަކީ ސަރުކާރުން ތާއީދުކުރާނެ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އައްޑޫގައި ނަގަން އުޅޭ ވޯޓަކީ ސަރުކާރުގެ އެއްވެސް ބޭނުންވާ ނަތީޖާއެއް އޮވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ.

Ad by Hajj Corporation
"ސަރުކާރުގެ އެއްވެސް ނިންމުމެއް ނޫންނަމަ އެއްވެސް ކަހަލަ ބޭނުންވާ އައުޓްކަމެއް އޮތް ވޯޓެއްނޫން އައްޑޫގައި ނަގަނީއެއް، އައްޑޫގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ލެއްވީމަ ނިމުނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބުގައި އެ ތިން ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި މިކަން ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން، ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.
''އެހެންވީމަ އެ ރައްޔިތުން އެ ނިންމަވާ ކޮންމެ ނިންމެވުމަކީ ސަރުކާރުގެ ނިންމުން، ސަރުކާރުން ތާއީދުކުރާނެ ގޮތް، ސަރުކާރުން ޕްރިފަރކުރާ އެއްވެސް ނިންމުމެއް މިކަމުގައެއްނެތް، އައްޑޫ ސިޓީގެ މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވިކަމުގައި ވިޔަސް އެއީ ސަރުކާރުން ފުރިހަމައަށް ތާއީދުކޮށް ފުރިހަމަ އެއްބާރުލުން ދޭނެކަމެއް، ވަކިވަކި ކައުންސިލުތަކެއް ފޭދޫ އާއި މީދޫ އަދި ހުޅުދޫން ނިންމެވިޔަސް އެއީ ވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމެއް'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިވާހަކަ ވިދާޅުވީ ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިއީ ރާއްޖޭގައި ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް އެކުލަވާލި ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓެވެ. މި ވޯޓު ނަގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވުމަށް ނިންމި ކަމުގައި ވިޔަސް، އަދި ވަކިވަކި ކައުންސިލުތަކެއް އުފެއްދުމަށް ނިންމި ކަމުގައި ވިޔަސް، ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެއެވެ.