ޝަހީދު ޢަލީ ސްކޫލުގެ ގުރޭޑް 1ން 10އަށް ވަންނަން ހުޅުވާލައިފި
21 އޮކްޓޯބަރު 2025 - 04:32

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ޝަހީދު ޢަލީ ސްކޫލުގެ ގުރޭޑް 1ން 10އަށް ވަންނަން ހުޅުވާލައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިއަދުކުރި އިއުލާނުގައި ބުނެފައި ވަނީ، މާލެ ސަރަޙައްދު ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުން ޝަހީދު ޢަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެ ދަރިވަރު މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމް ހުށައެޅުމަށެވެ.
ފޯމް ހުށައަޅަން މުއްދަތު ދިފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation
ޝަހީދު ޢަލީ ސްކޫލް ހުޅުވަން ތައްޔާރުވަމުން އަންނައިރު އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސާފައި ވަނީ މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީއެވެ.
މާލެ ސަރަޙައްދު ހިމެނޭހެން ދިވެހިރާއްޖޭގެ އެންމެހައި ސްކޫލްތަކުން ޝަހީދު ޢަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް، އެ ދަރިވަރެއް މިހާރު ކިޔަވަމުންދާ ސްކޫލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން އަދި މާލެ ފިޔަވާ އެހެން ސިޓީތަކާއި ރަށްރަށުގެ ސްކޫލްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ފޯމް ފުރިހަމަކުރުމަށްފަހު މިހާރު ކިޔަވަމުންދާ ސްކޫލަށް ހުށަހެޅުއްވުމުން، އެ ސްކޫލުން ޕޯޓަލް މެދުވެރިކޮށް ޓްރާންސްފަރ ރިކުއެސްޓް މިނިސްޓްރީއަށް ފޮނުވަންޖެހޭނެއެވެ.
އަދި ޕްރައިވެޓް ސްކޫލްތަކާއި އެހެނިހެން ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް، ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އީމެއިލް ނުވަތަ ސިޓީ ފޮނުވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައު ދިރާސީ އަހަރާއެކު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 700 އެއްހާ ދަރިވަރުން ބަދަލުވާނެ ކަމަށް ބެލެވޭއިރު، އެލްކޭޖީ އަށް 1800 އެއްހާ ދަރިވަރުން، ގުރޭޑް 1އަށް 2000 އެއްހާ ދަރިވަރުން ވަންނާނެ ކަމަށް ބެލެވެއެވެ. އެހެންވެ ގިނަ އަދަދެއްގެ ކުދިންނަށް ޖާގަ ދޭންޖެހޭއިރު މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުން ޖާގަ ކަށަވަރުކުރުމަށް ދުރާލާ މަސައްކަތްތަކެއް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
މި އަހަރު ގުރޭޑް 1ގައި 5000 އެއްހާ ދަރިވަރުން ކިޔެވުން ފެށިއިރު، އޭގެ ތެރެއިން 2000 އެއްހާ ދަރިވަރުންނަކީ މާލޭގެ ސްކޫލްތަކަށް ވަން ދަރިވަރުންނެވެ.
ރާއްޖޭގެ މަދަރުސީ ތައުލީމުގައި، ސަރުކާރުގެ 117 ސްކޫލެއްގައި 84000 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.


