2027 ވަނަ އަހަރުން ފެށިގެން ސްކޫލް ޔުނީފޯމުތައް ހުންނާނެ ގޮތަކީ މިއީ
4 ޑިސެމްބަރު 2025 - 06:38

ސަރުކާރު ސުކޫލްތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތައް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު، ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.

Ad by Hajj Corporation
ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ޔުނިފޯމަށް ގެންނަން ނިންމާފައިވާ ބަދަލުގައި، ރަސްމީ ޔުނިފޯމުގެ މަތީބައި ނުވަތަ ގަމީސް ހުންނަން ޖެހޭނީ ހުދު، ސްކައި ބްލޫ، ޓީލް ގްރީން ނުވަތަ ލައިޓް ރެޑް ކުލައިގަ އެވެ. ރަސްމީ ޔުނީފޯމުގެ ފަޓުލޫނު/ސްކާޓް/ސޯޓު ހުންނަން ޖެހޭނީ ކަޅު ނުވަތަ ނޭވީ ބްލޫ ކުލައިން ކަމަށް އުސޫލްގައިވެ އެވެ.

ބުރުގާ އަޅާ ދަރިވަރުންނަށް ދެ ގޮތެއް ދީފައިވެ އެވެ. އެއް ގޮތަކީ ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރުމެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބޭނުން ކުރުމެވެ. ދެވަނަ ގޮތަކީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރުމެވެ.

ފެހި، ރަތް، ނޫ ނުވަތަ ސްކޫލުން ބޭނުންކުރާ ކުލައަކުން އެކްޓިވިޓީ ޔުނިފޯމު ލެވިދާނެ އެވެ. އެކްޓިވިޓީއާ އެކު ސްކާޓް ނުވަތަ ފަޓުލޫނު ހުންނަން ޖެހެނީ ކަޅު ކުލައިންނެވެ.

ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުންގެ ބެޖު ހުންނަން ޖެހޭނީ ޔުނޯފޯމުގެ ޖީބުގައި ހަރުކޮށްފަ އެވެ. ކީ ސްޓޭޖް 3 އަދި 4ގެ ދަރިވަރުން ޔުނީފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމަ އެވެ. ނަމަވެސް ކީ ސްޓޭޖް 5ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނީފޯމުގެ ބައެކެވެ.
.png&w=3840&q=75)
އުސޫލްގައިވާ ގޮތުން ޓައީ އަޅަން ޖެހޭނީ އެ ސްކޫލެއްގެ ކުލައިން ނުވަތަ ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައަކުންނެވެ. އަދި ޓައީގައި އެ ސްކޫލެއްގެ ބެޖު ޖަހަން ޖެހެ އެވެ.
ފައުންޑޭޝަނާއި ކީ ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ލާނީ ކަކުލުން ތިރިއަށް ހުންނަ ވަރުގެ ސޯޓެވެ. އަންހެން ކުދިން ލާން ޖެހޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަންހެން ދަރިވަރުންނަށް ސްކާޓާއެކު ބޭނުން ނަމަ ހަރުވާޅު ވެސް ލެވޭނެ އެވެ.

އުސޫލުގައިވާ ގޮތުން އަންހެން ކުދިން ލާން ޖެހެނީ އަތް ދިގު ނުވަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
ޔުނީފޯމާއެކު ސްކާޓްލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެ އެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ. ކުރިމަތިންނާއި ފުރަގަހުން ކޮންމެ ފަރާތެއްގައި ދެ ރޫ ނަގާފައި ހުންނަން ޖެހެ އެވެ. އަދި އަރިމަތީގެ ކޮންމެ ރުލެއްގެ ފުޅާމިނުގައި ދެ އިންޗި ހުންނަން ޖެހެ އެވެ. އަދި މެދުގައި ހުންނަން ޖެހެނީ ބޮކްސް ޕްލީޓް ނުވަތަ ރޫނަގައިފަ އެވެ.
ފަޓުލޫނުލާ އަންހެން ދަރިވަރުންނަށް ބެގީއެއް ނުކުރެވޭނެ އެވެ. ބެގީ ކުރެވޭނީ ސްކާޓްލާ ދަރިވަރުންނަށް އެކަންޏެވެ.
އުސޫލުގައިވާ ގޮތުން، ޕްރިފެކްޓަކަށް ހޮވުނު ނަމަވެސް ޔުނީފޯމަށް އެއްވެސް ބަދަލެެއް ނާންނާނެ އެވެ. ޕްރިފެކްޓުން ބޭނުންކުރާނީ ޓައީއެކެވެ. އަދި ސްކޫލުން ބޭނުން ނަމަ ސްކޫލު ކެޕްޓަން، ޑެޕިއުޓީ ކެޕްޓަން، އެކްޓިވިޓީ ކެޕްޓަން އަދި ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަނަށް ޔުނީފޯމާއެކު ސޫޓެއް ބޭނުން ކުރެވިދާނެ އެވެ. އެހެން މަގާމުތަކުގައި ތިބި ދަރިވަރުންނަށް ޝޭޝް އެއް ބޭނުން ކުރެވޭނެ އެވެ.

ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް ބޭނުން ކުރަން ޖެހެނީ އެއްވެސް މަންޒަރެއް ނެތް ކަޅު ބެލްޓެވެ. ރަސްމީ ޔުނީފޯމާއެކު އަރަން ޖެހެނީ ކަޅު ބޫޓަށެވެ. އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ ސްޕޯޓްސް ބޫޓު ނުވަތަ ސްކޫލު ކަޅު ބޫޓެވެ.
އެކްޓިވިޓީއަށް އަތް ކުރު ޓީޝާޓު ލާނަމަ ގިރުވާން އިންނަން ޖެހެ އެވެ. ޓީޝާޓުގެ ދިގުމިން ހުންނަން ޖެހޭނީ ކޮޅަށް ހުންނައިރު އަތުގެ ކުޑަހުޅާ ހަމައަށެވެ. ޓީޝާޓު ހުންނަންވާނީ ޖާޒީ މެޓީރިއަލް ނުވަތަ ޕީކް ފެބްރިކުންނެވެ. ޓީޝާޓުގެ ކުރިމަތި ފަރާތުން ވާތުގައި ބެޖު ޖަހައި ފުރަގަހުން މަތީގައި ސްކޫލުގެ ނަން ޖަހާފައި ހުންނަން ޖެހެ އެވެ. އަތް ދިގުކޮށް އެކްޓިވިޓީލާ ކުދިންގެ ބެޖު ހުންނަން ޖެހެނީ ކުރިމަތިން ކަނާތްފަޅީފަ އެވެ. ސްކޫލު ނަން ޖަހާފައި ހުންނަން ޖެހެނީ ފަހަތުން އުނަގަނޑާ ހަމައިގަ އެވެ.
އެކްޓިވިޓީ ޔުނީފޯމާއެކު ސްކާޓްލާ ނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުން ފަސޭހަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ އުސޫލަށް ޢަމަލުކުރަން ފަށާނީ 2027ގެ ދިރާސީ އަހަރުން ފެށިގެން ކަމަށާއި، އެހެންވެ، ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކުން ވެސް އެ އުސޫލާ އެއްގޮތަށް ޔުނިފޯމު ބަދަލުކޮށް ނިންމުމަށް މިނިސްޓްރީން ވަނީ އަންގައިފައެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ދިރާސީ އަހަރު ވެސް، މި ބަދަލުތައް ގެންނަން ސްކޫލްތަކަށް ފުރުސަތު އެބައޮތެވެ.
މިނިސްޓްރީން ބުނީ، ޔުނީފޯމަކީ ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ އެއްޗަކަށް ވާންޖެހޭނެކަމަށެވެ. އަދި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ޔުނީފޯމު ލިބުމުގެ މަގު ފަހިކޮށްދިނުމަކީ މިނިސްޓްރީން ނުހަނު ބޭނުންވާކަމެއްކަމަށް ބުނެފައިވެއެވެ.


