logo
Bank of Maldives

Bank of Maldives

ޚަބަރު

"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފި

މުޙައްމަދު އަފްރާޙް
16 ފެބްރުއަރީ 2026 - 05:31
"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް"  ބާއްވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔުނިސެފް ގުޅިގެން "ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް"ގެ ނަމުގައި 15 ފެބްރުއަރީ 2026 ގައި ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރަމުންދާ ޕްރޮޖެކްޓް ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މިއީ ރާއްޖޭގެ ފަރާތުން ޖީ.ސީ.އެފް އަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ މަސައްކަތް އިތުރަށް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަޙްމަދު މުޙައްމަދެވެ. މީގެ އިތުރުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. އެޑްވަރޑް އެޑާއި އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.

އެ ބޭފުޅުންގެ ވާހަކަފުޅުގައި، އުމްރާނީ ވަސީލަތްތަކަކީ އަދި ވަކިން ޚާއްސަކޮށް މަދުރަސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ، ވިލުންތެރި ތަންތަނަށް ހެދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޕްރޮޖެކްޓްތައް ފަރުމާކުރުމުގެ މަރުހަލާގައި ކަމާގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއި ޚިޔާލު ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ޓެކްނިކަލް ސެޝަންތަކުގައި، ޕްރޮޖެކްޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ނޯޓަށް ބައިވެރިން ވަނީ ޚިޔާލު ދެއްވާފައެވެ. މި ކޮންސެޕްޓުގައި ހިމެނުމަށް މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އެޑިއުކޭޝަން ދާއިރާގެ މުއައްސަސާތައް ވަރުގަދަކޮށް، "ކްލައިމެޓް ރެޒިލިއަންޓް" ނުވަތަ ވިލުންތެރި މަދުރަސާތަކެއް ޤާއިމްކުރުމާއި، މި ސްކޫލްތަކަކީ ކިޔަވާ ކުދިންނަށް އަދި މުޖުތަމަޢުއަށް ފައިދާކުރަނިވި ވަސީލަތަކަށް ހެދުމާއިމެދު އެވެ. އަދި މި މަސައްކަތްތަކަކީ ގައުމީ ކްލައިމެޓް ސިޔާސަތުތަކާއި، ދާއިރާގެ ސިޔާސަތުތަކުގެ އިތުރުން ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްރޫއު ހިންގާނެ އިންތިޒާމުތަކާއި، މުއައްސަސާތަކުގެ ދައުރާއި ޒިންމާތަކާއި، މާލީ އޮނިގަނޑާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ކުރިއަށް ހުރި މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައެވެ. މަސައްކަތު ބައްދަލުވުން ނިންމާލީ މި ކޮންސެޕްޓް އިތުރަށް ފުރިހަމަކޮށް ޖީ.ސީ.އެފް އަށް ހުށަހެޅުމަށްޓަކައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ވިލަރެސްކުރުމަށް އެއްބަސްވަމުންނެވެ. މި ބައްދަލުވުން ނިންމަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ޑރ. އަބްދުއްލަތީފް މުހައްމަދެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ބައިވެރިންނަށް ޝުކުރު އަދާކުރައްވައި، މި ޕްރޮޕޯޒަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮޕޯޒަލް ތައްޔާރުކުރަމުންދަނީ، ޔުނިސެފްގެ އެހީތެރިކަމާއިއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން، މަޝްރޫއު ތަންފީޒު ކުރާނެ މިނިސްޓްރީ ކަމަށްވާ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި އެކުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | 6 ދުވަސް ކުރިންފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޚަބަރު | 13 ދުވަސް ކުރިންބާރަށާއި ފުނަދޫގައި ޓޫރިސްޓް ހޮޓާ ހަދައި ހިންގަން ބީލަމަށް ހުޅުވާލައިފިޚަބަރު | 19 ދުވަސް ކުރިން