ބޭރުގެ ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް އިސްލާހެއް
20 އޮކްޓޯބަރު 2026 - 04:13

ބޭރުގެ އޭޖެންސީތަކާއި ބުކިން ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބިލުގެ މައިގަނޑު މަގުސަދުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަށާއި އެފަދަ ޕްރޮޑަކްޓަކާ ގުޅޭ ގޮތުން ފޯރުވައިދޭ އޭޖެންސީ ނުވަތަ ބުކިން ހިދުމަތަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގަމުން އައި ޖީއެސްޓީ ނެގުން ހުއްޓުމަކަށް ގެނައުމެވެ.
މީގެ އިތުރުން ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައްވެސް ވަނީ ހިމަނާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމުން އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި އެވެ. ނަމަވެސް އެ ޓެކްސް ނެގުން ހުއްޓުމަކަށް ގެނައުމަށް ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހާއެކު އެ އާމްދަނީ އެއްކޮށް ގެއްލިގެންދާނެ އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ހުށަހަޅާފައިވާއިރު ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ދެއްކުމުގެ އިތުރު ބައިތަކެއް ހިމަނައިގެން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު އިންޑަސްޓްރީގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިކަމާ ގުޅިގެން އިންޑަސްޓްރީގެ އިސް ފަރާތްތަކުން އަދި ޓްރެވެލް އެޖެންޓުންގެ ވަރަށް ގިނަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ގިނަ ހުށަހެޅުންތަކެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން ޓީޖީއެސްޓީ ގާނޫނު އިސްލާހުކޮށް ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
