ޑިޕްލޮމެޓުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އިމްތިޔާޒުތައް ހަރުދަނާކުރަން މަޖިލީހަށް ބިލެއް
19 އޮކްޓޯބަރު 2026 - 09:06

ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިމްތިޔާޒުތަކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލެކެވެ. ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލަރ ޕޯސްޓްތަކާއި އަދި ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި އެފަދަ އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިދޭ އިމްތިޔާޒުތައް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކަނޑައެޅުމެވެ. މީގެ އިތުރުން އެ އިމްތިޔާޒުތަކުގެ ދާއިރާއާއި، އެކަންކަން ލިބިދެވޭނެ އުސޫލުތަކާއި އިޖުރާއާތުތައް ސާފުކޮށް ބަޔާންކުރުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ކޮންސިއުލަރ ގުޅުންތައް ހިންގުމާއި ގުޅުން ހުރި ތަފްޞީލުތައް ހިމެނެއެވެ. އޭގެ ތެރޭގައި ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުން ކުރާ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާނެ ގޮތުގެ ތަފްޞީލުތައް ވެސް ވަނީ ހިމަނާފައެވެ.
ހަމައެއާއެކު، ކޮންސިއުލަރ ޕޯސްޓްތަކުން ޑިއުޓީއާއި ޓެކްސް ދެއްކުމުން އިސްތިސްނާވާނެ ޙާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކޮންސިއުލަރ ޕޯސްޓުގެ އަމިއްލަ ބޭނުމަށް ނުވަތަ އޮފިސަރެއްގެ ޢާއިލާގެ އަމިއްލަ ބޭނުމަށް، ވިޔަފާރި ނޫން ގޮތުގައި ރާއްޖޭގައި ދިރިއުޅުން ޤާއިމްކުރުމަށް އެތެރެކުރާ މުދަލުން ޓެކްސް އަދި ފީ ނެގުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ކޮންސިއުލަރ އޮފިސަރުންނާއި މުވައްޒަފުންނަށް މި އިސްތިސްނާ ލިބޭނީ އެ ފަރާތަކުން ރާއްޖޭގައި ދިރިއުޅުން ޤާއިމްކުރާތާ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެތެރެކުރާ މުދަލަށް އެކަންޏެވެ.
ކޮންސިއުލަރ ޕޯސްޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި ރާއްޖޭގެ ވަޒަންވެރިންނަށް ލިބޭނެ އިމްތިޔާޒުތަކަށް ބަލާއިރު، އެ ފަރާތްތަކުން ރަސްމީ ޙައިޞިއްޔަތުން ކުރާ ކަންކަމުގައި ރާއްޖޭގެ އިޙްތިޞާޞް ހިންގުމުން އިމްތިޔާޒު ލިބިގެންވެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޓެކްސް ދެއްކުމުން އެ ފަރާތްތައް އިސްތިސްނާ ނުވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އދ. ގެ ސްޕެޝަލައިޒްޑް އެޖެންސީތަކާއި ގުޅުންހުރި އެހެނިހެން ބައިނަލްއަޤްވާމީ އިދާރާތަކަށް ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ދަށުން ލިބިދޭނެ އިމްތިޔާޒުތަކާއި، އެ ފަރާތްތަކުން ޢަމަލުކުރަންޖެހޭނެ އުސޫލުތައް މާނަކުރާނެ ގޮތްތައް ވެސް ބިލުގައި ތަފްޞީލުކޮށްދީފައިވެއެވެ.

-01.jpg&w=3840&q=75)
