ރަސްމާލެ މަޝްރޫއާ ގުޅުވައި ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން ނުހެއްލޭނެ: ފަލާހު
6 އޮކްޓޯބަރު 2026 - 11:13

ރަސްމާލެ މަޝްރޫއަކީ އެއްވެސް އިންވެސްޓަރަކު އިންވެސްޓު ނުކުރާނެ ބޭކާރު އިސްރާފެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކަށް މީގެ ކުރިން ފެނުނު ނަމަވެސް، މިއަދު އެ ތަން އެމްޑީޕީއަށް ފެންނަނީ "ބޮޑު ރަންގަނޑެއްގެ" ގޮތުގައި ކަމަށާއި، ކިތަންމެ ދޮގެއް ފެތުރިޔަސް ރައްޔިތުން އެ ދޮގުތަކުގައި ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައުޟޫއަށް ވާހަކަދެއްކެވުމަށް ފަހު، އެ ޚަބަރަށް އިޝާރާތްކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ކުރިން ބޭކާރު އިސްރާފު ކުނިގަނޑެއްގެ ސިފާގައި ފެނުނު ތަން މިހާރު ރަންގަނޑެއްގެ ސިފާގައި ފެނުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ތަސައްވުރުގެ ފުރިހަމަކަން އެމްޑީޕީއަށާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިހާރު ސާފުވާނެ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީން ރަސްމާލެ މަޝްރޫއާ ގުޅުވައި ބުހުތާނު ދޮގުތަކެއްގެ މައްޗަށް ބިނާކޮށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ޕީއެންސީ ޕީޖީ ގްރޫޕުން އެ މައްސަލަ ބޭރުކޮށްލާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެމްޑީޕީއާއި ރައީސް ޔާމީން މި މަޝްރޫއާ ގުޅުވައިގެން ފަތުރާ ދޮގު ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ޕީއެންސީގެ މެންބަރުން ތިއްބެވީ ކެތްމަދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީއާއި ރައީސް ޔާމީން ގައުމަށް އެ ވަރަށް ނިކަމެތިކަން ދޭން މަސައްކަތް ނުކުރެއްވުމަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ މިހާތަނަށް މި ގައުމުގައި ހިންގޭ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް ހީވެސް ނުކުރާ ފަދަ ކުރިއެރުމާއި، ތަނަވަސްކަމާއި އުފާފާގަތިކަން ލިބޭނެކަން ކަށަވަރުވާތީ ބަޔަކު ލޮލަށް ނިދިނައިސްގެން އުޅޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

-01.jpg&w=3840&q=75)
