ނަފްސާނީ ބަލިމީހުންގެ ހައްގުތައް ރައްކާތެރިކުރަން އައު ގާނޫނެއްގެ މަސައްކަތް މަޖިލީހުގައި ފަށައިފި
23 ނޮވެމްބަރު 2026 - 08:24

ނަފްސާނީ ބަލީގެ އެކި ޙާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގެ ކަންކަން ބަލަހައްޓާނެ ޚާއްޞަ ރިވިއު ބޯޑެއް އުފެއްދުމަށާއި، ބަލިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބާރުއަޅާ ނަފްސާނީ ޞިއްޙަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިންއެވެ.
.png&w=750&q=75)
Ad by Hajj Corporation
ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވޭ މި ބިލުގައި، އެކި ޙާލަތްތަކުގައި ތިބި މީހުންނަށް ނަފްސާނީ ފަރުވާ ފޯރުކޮށްދޭނެ ގޮތްތަކާއި، ބަލި ތަޙައްމަލުކުރާ ފަރާތްތަކުގެ ޙައްޤުތަކުގެ އިތުރުން އެ ޚިދުމަތް ދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމާ ގުޅޭ މުހިންމު އުޞޫލުތަކެއް ވަނީ ބަޔާންކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ "މެންޓަލް ހެލްތު ރިވިއު ބޯޑު" އެކުލަވާލަންޖެހެއެވެ.
މި ބޯޑުގައި ހިމެނެނީ ސައިކޭޓްރިސްޓަކާއި، ސައިކޮލޮޖިސްޓަކާއި، ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ މެންބަރަކާއި، ސޯޝަލް ވޯކަރެއްގެ އިތުރުން ޢާންމުންގެ ތެރެއިން ކަނޑައަޅާ މީހެކެވެ. ބޯޑުގެ ރައީސާއި ނައިބު ރައީސް މިނިސްޓަރު ޢައްޔަންކުރައްވާއިރު، މެންބަރުންގެ ދައުރަކީ 5 އަހަރެވެ. އަދި ފުރަތަމަ ދައުރު ހަމަވުމުން އިތުރު އެއް ދައުރަށް މެންބަރުން ޢައްޔަންކުރުމުގެ ފުރުޞަތު އޮވެއެވެ.
ފަރުވާއާ ގުޅޭ ހުށަހެޅުންތައް ބަލައި ހުއްދަ ދިނުމުގެ އިތުރުން، ބަލިމީހުންނަށް ފަރުވާ ދިނުމުގެ އަމުރު ނެރުމާއި ފަރުވާ ބަދަލުކުރަން އެންގުމަކީވެސް ރިވިއު ބޯޑުގެ ޒިންމާއެކެވެ. މީގެއިތުރުން ޤާނޫނީ ބަންދެއްގައި ނުވަތަ ޖަލުގައި ހުރި މީހަކަށް ނަފްސާނީ ފަރުވާދޭނަމަ އެތަނަކަށް ޒިޔާރަތްކޮށް ކަންކަން ބެލުމުގެ ބާރުވެސް ބޯޑަށް ލިބެއެވެ. ބޯޑަށް ހުށަހެޅޭ މައްސަލަތަކުގައި 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭއިރު، އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ލިބިދެއެވެ.
މި ބިލުގައި ބަލިމީހުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ހުއްދަކުރާ ޙާލަތްތަކުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާދޭ ފަރާތްތަކަށް މަޢުލޫމާތު ޙިއްޞާކުރުން ފިޔަވައި، ބަލިމީހެއްގެ ޒާތީ މަޢުލޫމާތު ޢާންމުކޮށްފިނަމަ ޚިދުމަތްދޭ މަރުކަޒެއް ނުވަތަ ފަރުދެއް 50,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެލައިޑް ހެލްތު ކައުންސިލުން އެ ފަރާތެއްގެ ލައިސަންސް 2 އަހަރުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރުވެސް ލިބެއެވެ.
ބިލުގައި ނަފްސާނީ ބަލިމީހުންނަށް ދިނުން މަނާ 4 ބާވަތެއްގެ ފަރުވާއެއްވެސް ވަނީ ފާހަގަކޮށްފައެވެ. އެއީ މަސަލް ރިލެކްސަންޓާއި އެނެސްތީޝިއާ ނުދީ ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ (އީސީޓީ) އާއި، ކުޑަކުދިންނަށް ދޭ އީސީޓީގެ އިތުރުން، ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީ އަދި ނަފްސާނީ ފަރުވާއެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާ ގޮތް ހެދުމެވެ.
ރާއްޖޭގައި ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، މި އެހީތެރިކަމަށް ޚާއްޞަކޮށް ސަރުކާރުން ތަޢާރަފުކުރި ހެލްޕްލައިނަށްވެސް ވޭތުވެދިޔަ 3 އަހަރު ތެރޭގައި 23,000 އަށްވުރެ ގިނަ ކޯލް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެން ދިއުމަކީ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ޙައްޤުތައް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

-01.jpg&w=3840&q=75)
