ޔުނީފޯމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކުގެ އަސްލަކީ މިދިޔަ ދުވަސްތަކުގައި އުސޫލެއްނެތި ގެނެވުނު ބަދަލުތައް : ޑރ. އަޙްމަދު
9 ޑިސެމްބަރު 2025 - 09:33

ޔުނީފޯމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކުގެ އަސްލަކީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގަ ސްކޫލުތަކުގެ ޔުނިފޯމުތަކަށް ވަކި މިންގަނޑެއް އުސޫލެއްނެތި ގެނެވުނު ބޮޑެތި ބަދަލުތައް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ގެނައި ބަދަލާ ގުޅޭގޮތުން، ފޭސްބުކް ޕޭޖުގައި ޑރ. އަޙްމަދު ވިދާޅުވީ، ފާއިތުވި 2 އަހަރު ތެރޭގައި (2024 އާއި 2025) ވަކިވަކި ސްކޫލުތަކުގެ ޔުނިފޯމު ބަދަލުކޮށްނުދީ މިއަދާ ހަމައަށް މަޑުކޮށްގެން ތިބީ ޔުނިފޯމު ފާސްކޮށް ހުއްދަ ދޭނެ އެއްވެސް މިންގަނޑެއް، ގައިޑްލައިނެއް އަދި އުސޫލެއްވެސް ނެތުން ކަމަށެވެ. ސްކޫލުތަކުގެ ޔުނިފޯމުތައް ބަދަލުކުރުމަކީ އެވަގުތަކު އެކަމާގުޅުންހުރި ފަރާތަކުން ހިތައް އެރިގޮތަކަށް ބަދަލު ކުރަންޖެހޭ އެއްޗަކަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރެވެން ޖެހޭ މަސައްކަތެއްކަމަށް އަޙްމަދު ލިޔުއްވާފައިވެއެވެ.

Ad by Hajj Corporation
ޑރ. އަޙްމަދު ވިދާޅުވީ، ވަކިވަކި ސްކޫލުތަކުގެ ޔުނިފޯމުތައް އެ ސްކޫލަކަށް ޚާއްޞަގޮތަކަށް ބަދަލުކުރުމުގެ ނަތީޖާއަކީ ތަފާތު ސަބަބުތަކާހުރެ ޔުނިފޯމުތަކުގެ އަގުތައް ބޮޑުވެގެން ދިއުން ކަމަށާއި 2019 އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
ޔުނީފޯމުގެ އުސޫލެއް އެކުލަވާލަން ޖެހުނު މައިގަނޑު ސަބަބުތަކަށް ރިއާޔަތްކޮށް، ޑރ. އަޙްމަދު ވަނީ، ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނީފޯމު އުޞޫލުގައި އެކަން ކުރަން ބޭނުންވާ މަޤްޞަދުވެސް ހިއްސާކުރައްވާފައެވެ.
ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނީފު އުޞޫލުގައި ބުނެފައިވާ ގޮތުން ޔުނީފޯމު އުޞޫލުގެ މަޤްޞަދެއްގެ ގޮތުގައި ފަސް ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ:
- އުނގެނުމުގެ މާހައުލުގައި ދަރިވަރުންނަށް ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭނެ ގަޔަށް ފަސޭހަ ޔުނީފޯމެއް ބޭނުން ކުރަން މަގުފަހި ކުރުން.
- ޔުނީފޯމްތަކުގައި އެއް މިންގަނޑެއް ހިފެހެއްޓުން.
- ޔުނީފޯމް އެޅުމުގައި ގިނަ އިޚްތިޔާރުތަކެއް ދަރިވަރުންނަށް ފަހިކޮށްދިނުން.
- ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ޔުނީފޯމް ލިބޭނެ މަގު ފަހިކޮށްދިނުން.
- ޔުނޯފޯމުގެ ސަބަބުން އެ ދަރިވަރަކު ކިޔަވަމުންދާ ސްކޫލަކަށް ނިސްބަތްވުމާ އަދި ދަރިވަރުންގެ ކިބައިގައި އެއްބައިވަންތަ ކަމުގް ރޫޙް އަށަގެންނެވުން.
ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، އެންމެ ބޮޑު ބަދަލެއް ގެނައީ ރަސްމީ ޔުނީފޯމަށެވެ. ރަސްމީ ޔުނީފޯމުގެ ކުލައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ހަތަރު ކުލައެކެވެ. އެއީ، ހުދާއި ސްކައި ބްލޫއާއި ޓީ ގްރީން އާއި ލައިޓް ރެޑެވެ. ރަސްމީ ޔުނީފޯމުގެ ތިރި ( ފަޓްލޫނާއި ސްކަރޓާއި ސޯޓް) ގެ ކުލައަކީ ކަޅު ނޫނީ ނޭވީ ބްލޫއެވެ. މި ގެނައި ބަދަލުގައި ކުލަތައް އިޚްތިޔާރު ކުރުން ދޫކޮށްލާފައި ވަނީ އެ ސްކޫލަކަށެވެ.
ޔުނޯފޯމަށް ގެނައި ބަދަލު ތަންފީޒު ކުރާނީ 2027 ވަނަ ދިރާސީ އަހަރުން ފެށިގެންނެވެ.


