ފޮނަދޫ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި
21 އޮކްޓޯބަރު 2025 - 05:23

ލ. ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ފޮނަދޫގައި ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮނަދޫއަކީ ލ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. 3127 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮނަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމު ކުރެވުމާއެކު ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ހައްދުންމަތީ ރައްޔިތުންނާއި ފޮނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން، 2368 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. މި މަޝްރޫޢަކީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

Ad by Hajj Corporation