ނިއުރޭޑިއަންޓު މިހާ ހިސާބަށް ގެނެސްދޭން މަސައްކަތްކުރި އެންމެންނަށް ކުއީން ވަހީދުގެ ޝުކުރު
22 އޮކްޓޯބަރު 2025 - 05:41

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ފުޓުބޯޅަ ކުލަބުގެ ގޮތުގައި އޮތް އަދި ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ނިސްބަތްކުރެވޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ނެތިދިޔަ ނުދީ މިހާ ހިސާބަށް ގެނެސްދިންކަމަށްޓަކައި، އެކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް އެ ކުލަބުގެ އެއް ބާނީ، ކުއީން އަހްމަދު ވަހީދު ޝުކުރު އަދާކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުރިމަތިލުން ފެނިގެންދިޔަ "ރަސްވާދަ" މެޗަށްފަހު "މެންދުރު ޓީވީ" އާ ވާހަކަދައްކަވަމުން ވަހީދު ވަނީ، ރަސްވާދަ މެޗުގައި ކުޅުންތެރިން ދެއްކެވި ކުޅުމަށް ތައުރީފުކުރައްވާފައެވެ.

Ad by Hajj Corporation
މެޗާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތަކުގައި ވެސް ކާމިޔާބު ލިބޭނެކަމަށް އުއްމީދުކުރަން. ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި - ނިއުރޭޑިއަންޓުގެ ބާނީ އަޙްމަދު ވަހީދު (ކުއީން ވަހީދު)
ގިނަ ގޮންޖެހުންތަކަކާއި ހުރަސްތަކެއް، ކުލަބު ދެމިއޮތުމަށް ކުރިމަތިވި އެތައް ހާލަތެއް އައި ނަމަވެސް، ކުލަބު ވުޖޫދުން ފޮހެވިގެންދިޔަ ނުދިނުމަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކެއްގެ މަސައްކަތް، ކުއީން ވަހީދު ވަނީ ޝުކުރުވެރިކަމާއެކު ބަލައިގެންފައެވެ.
ނިއުރޭޑިއަންޓް މިހާތަނަށް ކުރިއަށް ގެންދިޔަ ހުރިހާ ވެރިންނަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން. އެންމެންގެ ހިތްވަރުން މިހާ ހިސާބަށް ގޮއްސަ މިއޮތީ - ނިއުރޭޑިއަންޓުގެ ބާނީ އަޙްމަދު ވަހީދު (ކުއީން ވަހީދު)
ވަހީދު ވަނީ، ނިއުރޭޑިއަންޓުގެ ފަޚުރުވެރި ނުލާއި ހުދުގެ ލަޝްކަރަށް ވެސް މެސެޖެއް ދެއްވާފައެވެ.
ސަޕޯޓަރުންނާ ދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ. ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ސަޕޯޓަރުން ގިނަވާނީ - ނިއުރޭޑިއަންޓުގެ ބާނީ އަޙްމަދު ވަހީދު (ކުއީން ވަހީދު)
ގިނަ ދުވަސްތަކަކަށްފަހު ނިއުރޭޑިއަންޓުގެ ބާނީ، ކުއީން ވަހީދު ގަލޮޅު ދަނޑަށް ވަދެ މެޗެއް ބައްލަވައިދެއްލުވުމުގެ އުފާ ހާސިލްކުރެއްވިއިރު، އޭނާ އެންމެފަހުން ގަލޮޅު ދަނޑަށް ވަދެފައި ވަނީ މީގެ އަހަރުތަކެއް ކުރިން ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗެއް ބަލައިލުމަށްކަމަށް ވަހީދު ވިދާޅުވިއެވެ.
ކުއީން ވަހީދުއެކޭ އެއްފަދައިން، ގިނަ ދުވަސްތަކަކަށްފަހު ގަލޮޅު ދަނޑަށް އެނބުރި އައި އެތައް ސަޕޯޓަރުންނެއް، ނިއުރޭޑިއަންޓާއި ވިކްޓްރީ ބައްދަލުކުރި ރަސްވާދަ މެޗުން ފެނިގެންދިޔައެވެ.
1979 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު، ނުލާއި ހުދުން ޖަރީވެގެން މާލޭގެ ހެންވެއިރުން އުދުއްސާލި ބާޒަކީ، ހެންވޭރު ކުއީން، އަހްމަދު ވަހީދު އާއި، އޭނާގެ އެކުވެރި އަހައްމަދަނިކު، އަވަށު ވާދަވެރިކަމުގައި ބައިވެރިވެ، ދިވެހި ފުޓުބޯޅައިގެ ތެރެއަށް ގެނައި ކުލަބެކެވެ.
ހެންވޭރުން އުދުއްސާސި ބާޒުގެ ވަރައިގެ ދަށުގައި އޭރު އެ އަވަށަށް ނިސްބަތްވާ އެތައް ބަޔަކު ތިބި ނަމަވެސް، މިއަދު މި ބާޒުގެ ވަރައިގެ ދަށުގައި، ނުލާއި ހުދުގެ ލަޝްކަރުގެ ފަހުލަވާނުންގެ ގޮތުގައި އެތައް ހާސް ބަޔަކު އެބަތިއްބެވެ. މި ކުލަބުދެކެ ލޯބިވެ، ކުލުނު ޖެހި ހިތްދީފައިވާ ކުލަބުގެ ސަޕޯޓަރުން މިއަދު ތުރާކުނުން ފެށިގެން އައްޑޫ އާއި ހަމައަށް އެބަތިއްބެވެ.