ނޮވެމްބަރު 2 ވަނަ ދުވަސް ސަރުކާރު ބަންދު
23 އޮކްޓޯބަރު 2025 - 06:36

ނޮވެންބަރު 2 ވާ އާދިއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.

Ad by Hajj Corporation
އަންނަ މަހުގެ 2 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ، ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.
މި ނިންމެވުމާއެކު މިމަހުގެ 31 އިން ފެށިގެން ނޮވެންބަރު 2 ވަނަ ދުވަހާ ހަމައަށް 4 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި މި ބަންދަށްފަހު ސަރުކާރު ދެން ހުޅުވޭނީ ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.
ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާއާ ގުޅުވައިގެންނެވެ.
ދިވެހިންގެ ތެރެއިންވާ ޚާއިނުންތަކަކާއި އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޣީ ގްރޫޕެއްކަމަށްވާ ''ޕްލޯޓް'' ޖަމިއްޔާގެ އެހީއާއެކު 1998 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ ހިފުމަށް އަރައި ހިންގި ކަންތައްތަކަކީ، ފަހުގެ ތާރީހުގައި ދިވެހިން ތަޖުރިބާކުރި އެންމެ ހިތްދަތި، އެންމެ ބިރުވެރި އަދި އެންމެ ހިތާމަވެރި ދުވަހެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި 2018 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު، ނަސްރުގެ ދުވަހަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ދީފައެއް ނުވެއެވެ. އެ ސަރުކާރުން އެ ދުވަސް ސިފަކުރަނީ "ބީ ކެޓަގަރީ" ދުވަހެއްގެ ގޮތުގައެވެ.