ސްޓެލްކޯއިން 74،000 އަށްވުރެ ގިނަ ގަސް އިންދައިފި
23 އޮކްޓޯބަރު 2025 - 12:44

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ވައުދުފުޅެއް ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި 74،000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
ސްޓެލްކޯ އިން ވަނީ ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ހާއްސަ ހަރަކާތެއް ފަށައިފައެވެ.

Ad by Hajj Corporation
ސްޓެލްކޯއިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ޖުމުލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.
ސްޓެލްކޯއިން މީގެކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކޮންމެ މަހަކުވެސް 9،200 ގަސް އިންދުމެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 800,190 ގަސް އިންދިފައިވާކަމަށް، އެންމެ ފަހުން އާއްމުކޮށްފައިވާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށްހަމަޖެހިފައެވެ.


