އައްޑޫ ސިޓީގެ ޚިޔާލު ހޯދުމުގެ ވޯޓުލާން ފަށައިފި
25 އޮކްޓޯބަރު 2025 - 04:09

އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.
އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިފައި ވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.މި ވޯޓަށް ހުޅުދުއާއި މީދޫގައި ކޮންމެ ރަށެއްގައި ތިން ފޮށި ބަހައްޓާއިރު، ފޭދޫގައި ވޯޓުލުމަށް ފަސް ފޮށި ބަހައްޓާނެއެވެ. އަދި ވެރިރަށް މާލޭގައި ދިރިއުޅޭ، މި ތިން ރަށުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަށް ހަތް ފޮށި، މާލޭގެ ކަލާފާނު ސްކޫލުގައި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދީފައިވެއެވެ.މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

Ad by Hajj Corporation
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.މީގެ އިތުރުން މާލޭގައި ބަހައްޓާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3881 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
ވޯޓުލުމަށް ކިޔު ބަންދު ކުރެވޭނީ ހަވީ 4:00 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނައި، ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި، ނަމަވެސް ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް ވެސް އެ ކޮމިޝަނުންމައުލޫމާތު ދެއެވެ.
މިވޯޓުގައި ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށަހަޅުއްވާފައިވާ ސުވާލާ ގުޅިގެން އެ މީހަކަށް ފެންނަ ގޮތެއް ހާމަ ކުރުމަށެވެ. އެގޮތުން، އައްޑޫގެ ފޭދޫ އާއި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އޮތުމާ ގުޅޭގޮތުން ސުވާލު ހުށަހަޅުއްވާފައެވެ.
އަދި މި ވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓުކަން ވެސް ފާހަގަ ކޮށްލެވެއެވެ.


