''ފައިސަލް އަތުގައި އޮތް ރައީސް ކަމުގެ ބާރު ނަގައިގެން، ރައީސް ސޯލިހް ކުރެއްވީ ޣައިރު ދުސްތޫރީ ވެރިކަމެއް''
25 އޮކްޓޯބަރު 2025 - 04:44

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެކަހެރިކޮށް،ފައިސަލް އަތުގައި އޮތް ރައީސް ކަމުގެ ބާރު ނަގައިގެން، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވީ ޣައިރު ދުސްތޫރީ ވެރިކަމެއް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މެންދުރު ޓީވީން ގެނެސްދޭ ޖަވާބުދާރީ ޕްރޮގްރާމްގައި ވާހަކަ ދައްކަވުމުންނެވެ.

Ad by Hajj Corporation
ސިއްދީގު މިފަދައިން ިވދާޅުވިއިރު، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަކަށް އެމަނިކުފާނު ހޭނައްތަންޖެހުމާ ގުޅިގެން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ، އޭރުގެ ނައިބުރައީސް ފައިސަލް ނަސީމް ވަނީ ހަވާލުވެވަޑައިގެންފައެވެ.
އެކަން އެހެން ކޮށްފައިވާއިރު، ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ނައިބުރައީސް އެފަދަ ހާލަތުގައި ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެކަމަށް ޤާނޫނީ މާހިރުން އައީ ބުނަމުންނެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާޒިރުގައި ފައިސަލް ވަނީ އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަުގެ ހުވާ ކުރައްވާފައެވެ.
އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ކަމަުގެ ހުވާ ކުރައްވާ އިޤްރާރުގައި ސޮއި ކުރުމުން، އެހިސާބުން ޤާނޫނީ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ވާނީ ހުވާ ކުރެއްވި ފައިސަލް ނަސީމްކަމަށް، މެންދުރު ޓީވީގެ ޖަވާބުދާރީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިއްދީޤް ވިދާޅުވިއެވެ.
މި މައްސަލަ އޭރު ފެންމަތި ވެފައިވުމުން ރާއްޖޭގެ އޭރުގެ ރައީސްއަކީ ފައިސަލް ނަސީމު ކަމުގައި ގަބޫލުކުރަން ޖެހުނު ކަމަށާއި،ނަމަވެސް ރައިސް ސާލިހް އޮޕަރޭޝަން ނިންމާލާއި ރާއްޖެ އަށް އެނބުރި އައުމަށްފަހު އަނެއްކާ ވެސް ވެެރިކަން ހިންގަން ފަށާފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރައީސް ސޯލިހް އެ ފަހުން ކުރެއްވީ ޤާނޫނާ ޚިލާފު، ޣައިރު ދުސްތޫރީ ވެރިކަމެއްކަމަށް ވެސް ސިއްދީޤް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައައިގައި އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން، ޤާނޫނީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އޭރު ހުންނެވީ ކޮން ބޭފުޅެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.


