ތައިލޭންޑުގެ ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
25 އޮކްޓޯބަރު 2025 - 09:55

ތައިލޭންޑުގެ ރަސްގެފާނު ކިންގް މަހާ ވާޗީރާލޯންގްކޯން ޕްރާ ވާޗީރާކްލާއޯޗާއުޔޫހުއޯގެ މަންމާފުޅު، ހަރ މެޖަސްޓީ ކުއީން ސިކިރީތް (ދަ ކުއީން މަދަރ އޮފް ތައިލޭންޑް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައިލޭންޑުގެ ރަސްގެފާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ތައިލޭންޑުގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި،ކުއީން ސިކިރީތް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ މުޅި ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައިކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation
ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އެކަމަނާގެ އަވަހާރަވުމާ ގުޅިގެން ތައިލެންޑްގައި ވަރަށް ބޮޑު އިޙްތިރާމާއެކު ޢަމަލުކުރެވޭނެއެވެ. އެއީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ވާހަކަދެއްކުމަކީ ޤާނޫނީ ގޮތުން މަނާކަމަކަށްވެފައި، އެފަދަ ކަމެއް ކޮށްފިނަމަ ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާތީއެވެ. މި ޤާނޫނުގެ ދަށުން އަވަހާރަވެފައިވާ ރަސްކަލުންނާ ދެކޮޅަށްވެސް ވާހަކަދެއްކުމަކީ މަނާކަމެކެވެ.


