ހުޅުދޫއާއި މީދޫން ބޭނުންވަނީ ވަކިވާން، ފޭދޫއިން ބުނަނީ ވަކި ކައުންސިލެއް ބޭނުން ނުވާކަމަށް
.jpeg&w=3840&q=75)
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޢައްފާން މުޙައްމަދު25 އޮކްޓޯބަރު 2025 - 13:12
އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށުގައި ވަކިވަކި ކައުންސިލްތަކެއް ގާއިމުކުރުމަށް ކަމަށް އަދި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން އެ ރަށުގެ ރައްޔިތުން ބޭނުން ނުވާކަމަށް ވަގުތީ ނަތީޖާއިން ހާމަވެއްޖެއެވެ.
މިއަދު ހެނދުނު 08:00 ގައި މިކަމާ މެދު ގޮތެއް ނިންމުމަށް ވޯޓުލުން ފެށިއިރު ވޯޓުލުމުގެ ކިއު ބަންދުކޮށްފައި ވަނީ ހަވީރު 4:00 ގައެވެ.
ވޯޓު ފޮށިތައް ހުރި ސަރަހައްދުން ލިބިފައިވާ ނުރަސްމީ ވަގުތީ ނަތީޖާއިން އެނގޭ ގޮތުގައި، އައްޑޫ ސިޓީ ހުޅުދޫގެ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލާ ވަކިވާށެވެ. އެގޮތުން ސިޓީ ކައުންސިލާ ވަކިވާން ފެންނަކަމަށް ހުޅުދޫގެ 720 މީހުން ވަނީ ވޯޓު ދީފަ އެވެ. އެއީ 67.29 އިންސައްތަ އެވެ. ސިޓީ ކައުންސިލާ ވަކިވުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 325 މީހުންނެވެ. އެއީ 30.37 އިންސައްތަ އެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ވަކިވުމަށް ފެންނަކަމަށް އައްޑޫ ސީިޓީ މީދޫގެ 841 މީހުން ވަނީ ވޯޓު ދީފަ އެވެ. އެއީ 83.93 އިންސައްތަ އެވެ. ސިޓީ ކައުންސިލާ ވަކިވުމަށް ނުފެންނަކަމަށް ވޯޓު ދީފައިވަނީ އެންމެ 144 މީހުންނެވެ. އެއީ 14.37 އިންސައްތަ އެވެ.
އެ ދެ ރަށާ ޚިލާފަށް، ފޭދޫ ރައްޔިތުން ވޯޓުން ހާމަކޮށްދިނީ ސިޓީ ކައުންސިލާ ވަކިވާން ބޭނުން ނުވާ ކަމެވެ.
ފޭދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ބެހެއްޓި އަށް ފޮށި ވެސް މިހާރު ގުނާ ނިމިފައިވާއިރު އެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާއިން އެނގޭ ގޮތުގައި ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1782 މީހަކު ވަނީ ވޯޓުދީފަ އެވެ. އެއީ ވޯޓުލީ މީހުންގެ 73.61 އިންސައްތައެވެ. ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. އެއީ 25.40 އިންސައްތަ މީހުންނެވެ.
ފޭދޫގެ ވޯޓުގައި ވޯޓުލެވޭ ޖުމްލަ 4،368 މީހުން ތިބި ނަމަވެސް މިއަދު ވޯޓުގައި ބައިވެރިވީ ޖުމްލަ 42 ޕަސެންޓުގެ ރައްޔިތުންނެވެ.
އީސިން މިވަގުތަށް ނެރެފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ވޯޓުފޮށިތައް ބަންދުކުރިއިރު ވޯޓުލާފައި ވަނީ 4510 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 9,576 މީހުންގެ 47.1 އިންސައްތައެވެ.
އިތުރު ލިޔުންތައް

ޕާޓީތަކުން ވަކިވުމަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް އީސީން ހަދައިފި
އަހަރެއް ކުރިން
ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުޞޫލު ބަދަލު ކުރަނީ
އަހަރެއް ކުރިން
އީސީ އަށް އައްޔަނުކުރާ ހަސީބްއާ މެދު ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި
އަހަރެއް ކުރިން


